ރައްޔިތުންގެ ހިދުމަތުގައި 24 ގަޑިއިރު ތައްޔާރަށް ހުންނަވާނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ވާދަ ކުރައްވަވާ، ރިޓަޔަޑް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.

އޭނާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖަލީލު ވިދާޅުވީ، މާލޭގެ ރައްޔިތުން އެންމެ އެދޭ ކަންކަމާއި، އެދޭ ބަދަލުތައް އޭނާ އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމުގައެވެ.

އަދި މާލޭގެ ރައްޔިތުންގެ މުހުތާދުތައް ފުއްދައިދީ، ހާއުފާވެރި، އައު ޒަމާނެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަވާނެކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

”ތިޔަ ލޮބުވެތި ރައްޔިތުންގެ ހިދުމަތުގައި އަޅުގަނޑު ހުންނާނިކ 24 ގަޑިއިރު ތައްޔާރަށް. އަޅުގަނޑު ވާނީ ވަކި ކުލައެއް، ވަކި ފިކުރެއް، ވަކި ގިންތިއެއް، ވަކި ފަންތިއެއް ބެލުމެއް ނެތި، މުޅި ގައުމުގެ ހިދުމަތްތެރިޔަކަށް، މާލެ ސިޓީގެ ކޮންމެ ރައްޔިތެއްގެ ވަފާތެރި މިތުރަކަށް.“ ސިފައިން ގޭގައި ވަރަށް ގިނަ އަހަރު ހިދުމަތް ކުރެއްވި ޖަލީލު ވިދާޅުވިއެވެ.

ޖަލީލު ވަނީ، ލޯތްބާއި ކުލުނާއި އޯގާތެރިކަމުން މާލެ ސިޓީގެ ރައްޔިތުންގެ ހިތްތައް އޭނާ ފަތަހަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އަންނަ އޭޕްރީލްމަހުގެ 4ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ޖަލީލާ ވާދަ ކުރައްވާނީ މިހާރުގެ މޭޔަރު، އާދަމް އާޒިމްއެވެ.