މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން ދެމީހަކު ހައްޔަރުކޮށްފި
09 ފެބްރުއަރީ 2026
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޅ.ނައިފަރުގައި ހިންގި މަސްތުވާތަކެތިީގެ އޮޕަރޭޝަނެއްގައި އެރަށުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫ / ގަނދަކޯޅިމާގެ، އަބްދުﷲ ސިފާޒް (39އ) އާއި ޅ. ކުރެންދޫ / ދުނި، މުހައްމަދު ނަދީމް އަހްމަދު (30އ) ކަމަށެވެ.

ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ނައިފަރު ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ނައިފަރު ފަޅުގައި އޮތް ޑިންގީއެއްގައި ތިއްބައި އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ހަތް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.