ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި އައްޑޫ ސިޓީގެ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ބަޔަކު ގެއްލުންދީފިއެވެ.

އައްޑޫ ސިޓީގެ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން، އިންތިޚާބަށް ތައްޔާރުވުމުގެ ކެމްޕެއިން ފަށާ، އެ ކެންޑިޑޭޓުންގެ ބެނާ އާއި ޕޯސްޓަރު އެ ސިޓީގައި އެކި ހިސާބުތަކުގައި އަންނީ ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރޭގެ ވަގުތެއްގައި އެ ސިޓީގެ ކައުންސިލަށް ކުރިމަތިލާފައިވާ ޕީއެންސީގެ ކެންޑިޑޭޓުން އެކި ހިސާބުތަކުގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކަށް ބަޔަކު ވަނީ ކަޓަރު އަޅައި ގެއްލުންދީފައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ގެއްލުންދީފަވަނީ މަރަދޫ އިން ހިތަދޫއަށް ދާ މަގުގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކަށެވެ.

ޕީއެންސީގެ ކެމްޕެއިން ޕޯސްޓަރުތަކަށް ބަޔަކު ގެއްލުން ދިންއިރު، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ފެންމަތިވެ، ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވެއެވެ.

ޕީއެންސީން ދާދި ފަހުން ވަނީ އެ ޕާޓީގެ ކެމްޕެއިން، އާބާދީ ބޮޑު އައްޑޫ ސިޓީގައި ފެށުމުގެ ގޮތުން ވަރަށް ފޯރިގަދަ ޖަލްސާއެއް ވެސް ބާއްވައިފައެވެ.