ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގައި ނައިފަރު ކައުންސިލަށް ކުރިމަތިލައްވާފައިވާ ޕީ.އެން.ސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް އެ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަކީ ނައިފަރުގެ ތަރައްޤީގެ މަޝްރޫއޫތައް ބާރަށް ގެންދިއުމަށް ކޮންމެހެންވެސް މުހިންމު ކަމެއްކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ނައިފަރު ދާއިރާގެ މެންބަރުކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ޝިޔާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ނައިފަރަކީ ރާއްޖޭގައި އާބާދީ އެންމެބޮޑު އެއް ރަށް ކަމުގައިވީނަމަވެސް، ނައިފަރަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތީ ހައްލެއް ނުލިބިކަމަށެވެ.
އަދި ތަރައްޤީގެ ޗާޓުން ނައިފަރުގެ ޙައްޤު މަޤާމް ރައްޔިތުންނަށް ހޯއްދައިދިނުމުގެ ޙަޤީގީ މަސައްކަތް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާކަށެވެ.
ޝިޔާމްވަނީ ރިޔާސީ އިންތިހާބުގެ ކެންޕެއިނުގައި ރައީސް ޑރ.މުއިއްޒު ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށް ވައުދުވެ ވަޑައިގެންނެވިގޮތަށް ’ރަނުން ރަނަށް‘ ތަރައްގެގީ މަޝްރޫޢުތައް ތަންފީޒު ކޮށްދެއްވާކަން ޝުކުރުވެރިކަމާއި އެކު ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ ފިޔަވަހިތަކަށް ނުބައްސަވާ އެއް ފިޔަވަހިން ރަށުގެ ހުރިހާ މަގުތަކެއް ހެއްދެވުމުގެ މަޝްރޫއާ، ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް ރަށުގެ މިހާރުގެ ބިން 2ގުނަ ކުރެއްވުމާ، ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް 800 ހައުސިން ޔުނިޓު ގާއިމު ކޮށްދެއްވުމާ، ރަށުގައި މިހާރު އޮތް ބަނދަރުގެ ދަތި ހައްލުކުރެއްވުމަށް މިހާރުގެ ބަނދަރުބޮޑުކޮށް އަޕްގްރޭޑްކޮށް އިތުރު ބަނދަރެއް ހެއްދެވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން ހުރިހާ ވައްތަރެއްގެ ލެބާއި އިތުރު ކްލާސްރޫމްތަކާ ވަސީލަތް ހިމެނޭގޮތަށް ސްކޫލަށް އިމާރާތެއް އިތުރުކުރުމާ، ޒަމާނީ ވަސީލަތްތަކާއި އާ ޚިދުމަތްތަކާއެކު ޅ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުމާ، 2 ޔުނިވަރސިޓީއެއްގެ ކެމްޕަސް ނައިފަރުގައި ގާއިމްކުރުމާ، އިސްލާމިކް ސެންޓަރެއް ބިނާކުރުމާ، ފީފާ ސްޓެންޑަޑްގެ ފުޓުބޯޅަ ސްޓޭޑިޔަމެއް ގާއިމުކުރުމާ، ގިނަކުޅިވަރުތަކެއް ހިމެނޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމުގެ އިތުރުން ތަރައްޤީގެ އެތައް މަޝްރޫއެއް ކުޅިވަރާއި އިޖުތިމާއީ ދާއިރާތަކުން ނައިފަރުގައި ހިންގެވުމަށް ރައިސް ޑރ މުއިއްޒު ނިންމަވާފައިވާ ކަމަށާއި މީގެ ތެރެއިން ގިނަ މަޝްރޫއުތައް މިހާރުވަނީ ކޮންޓްރެކްޓަރުންނާވެސް ހަވާލުކުރެވި އެކި މަރުހަލާ ތަކުގައިކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައްޔިތުން އެދޭނީ މިއިން ކޮންމެ މަޝްރޫއެއްވެސް އެކަށީގެންވާ އަވަސްމިނެއްގައި ނިންމާ އެތަންތަނުގެ ހިދުމަތް ލިބި ރަށް ބާރަށް ތަރައްގީ ވުމަށް ކަމަށާއި، ނައިފަރަކީ މެދު އުތުރުގެ ތަރައްޤީގެ މައި ތަނބެއްކަމުގައިވުމަށް ރައީސް ބޭނުންފުޅުވާ ހަލުވިމިނުގައި މިކަންކަން ކުރިއަށް ގެންގޮސް ނިންމުމުގައި ރަށު ކައުންސިލްގެ ދައުރު އިންތިހާއަށް ބޮޑު ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
އަދި ރަށު ކައުންސިލަކީ ރަށުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިނގާނުހިނގާ ގޮތް ގާތުން ބަލައި، އެ މަޝްރޫއުތައް ތަންފީޒު ކުރުމުގައި ސަރުކާރަށް ހުރިހާ ގޮތަކުންވެސް އެހީތެރިވާންޖެހޭ އިދާރާއެއް ކަމަށާއި، އެއްވެސް ހާލަތެއްގައި ސަރުކާރާ އިދިކީލިވެ، ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ އިދާރާއެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ނައިފަރަށް ކަނޑައަޅުއްވާފައިވާ ނައިފަރު ރައްޔިތުން އިންތިހާއަށް އެދޭ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެމަނިކުފާނުގެ ސަރުކާރަށް ތާއީދުކުރައްވާ ޕީ.އެން.ސީގެ ކެންޑިޑޭޓުން އިންތިޚާބުކުރުން އިންތިހާއަށް މުހިންމު ކަމެއް ކަމަށާއި، ލާމަރުކަޒީ ނިޒާމު ތަޞައްވަރު ކުރާގޮތަށް ރަށުގެ ތަރައްޤީއާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމުގައި، އެ ނިޒާމަށް ފަރިތަ، އަހުލުވެރި ބަޔަކު ކައުންސިލްގައި ތިބުމަކީވެސް ނުހަނު ބޭނުންތެރި ކަމެއް ކަންވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުއާއެކު މިހާރުވެސް ކައުންސިލްގައި ތިއްބެވި 2 މެންބަރުން ހިމެނޭހެން އިންތިހާބުގައި ކައުންސިލްގެ މެންބަރުކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ޕީ.އެން.ސީގެ ކެންޑިޑޭޓުންނަކީ ތަޖުރިބާކާރު، ޤާބިލް، އެންމެނާގުޅޭ ރަށުގެ ކުރިއެރުމާއި ތަރައްގީގެ ރޭހުގައި ނަތީޖާ ނެރެދޭނެ ކެންޑިޑޭޓުން ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.


މިހާރުވެސް ރައީސުލްޖުމުހޫރިއްޔާ ބެނުންފުޅުވެގެން ނުކުރައްވަނީ ކޮންކަމެއްތޯ؟
އެހެންވީމަ ތިބޭފުޅުންވެސް ތިދައްކަވަނީ އެހާތާކުޖެހޭ ވާހަކައެއްނޫން ދެއްތޯ.