ފޭސްބުކް މާކެޓް ޕްލޭސް ބޭނުންކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލް ރައްޔިތެއް ކަމަށްވާ ނަކުލް ކޭ ސީ، (23އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާއި ނަކުލް ކޭ ސީގެ މިފަދަ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.