އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިހާބުގައި، ވޯޓަކާ ނުލައި 82 ކެންޑިޑޭޓުން އިންތިހާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މި ކެންޑިޑޭޓުން އިންތިހާބުވެފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށް މީހުން ކުރިމަތިލުމުން ނުވަތަ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.
މީގެ ތެރެއިން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ. އެ ޕާޓީން ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިހާބުގައި ޖުމްލަ 69 ގޮނޑި އިންތިހާބަކާ ނުލައި ކާމިޔާބުކޮށްފައެވެ.
އޭގެ ތެރެއިން 28 ގޮނޑި ކައުންސިލްތަކުން ކާމިޔާބްކުރި އިރު 42 ގޮނޑި ކާމިޔާބްކޮށްފައިވަނީ ޑަބްލިއުޑީސީތަކުންނެވެ.
މި ލިސްޓްގައި ވާގޮތުން އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ އެންމެ ގޮނޑިއެކެވެ. އަމިއްލަ ގޮތުން ވާދަކުރި ތިން މީހަކަށް ގޮނޑި ކަށަވަރުވެފައިވާއިރު، އަދާލަތު ޕާޓީއިންވެސް ވަނީ ގޮނޑިއެއް ކަށަވަރުކޮށްފައެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަސް ގޮނޑި އެއް އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ.

