ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފާތިމަތު ރީމާ (35އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 2025 ޑިސެމްބަރ 29 ވަނަ ދުވަހުއެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 2026 ފެބްރުއަރީ 28 ވަނަ ދުވަހަށެވެ.

މި މައްސަލާގައި، ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވަނީ 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ ކުޑަކުދިން ”ގްރޫމް“ ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ކުރަމުން ކަމަށްވެސް ބުންޏެވެ.