އެމްޑީޕީގެ ވެރިކަމުގައި 126 ބިލިއަން ރުފިޔާއަށް ރާއްޖޭގެ ދަރަނި އިތުރު ކުރަން ޖެހުނީ، ކޮވިޑްގެ ވަބާގެ ތެރޭގައި ދައުލަތުގެ ރިޒާވްގައި އެންމެ ދޮޅު މަސް ދުވަހު ރާއްޖެއަށް އިމްޕޯޓު ކުރެވޭ މިންވަރަށް ފައިސާ ހުރީތީ، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށް އޭރު ވެެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސޯލިހު މިހެން ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ޅ.ނައިފަރުފައި އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ތަގުރީރުގައި، ދިވެހީންގެ އެއާޕޯޓު އަނބުރާ ދިވެހީންނަށް ހޯދައިދިނުމަށް އޭރު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ކުރި މަސައްކަތާ ދެކޮޅަށް ވެސް ވާހަކަ ދެއްކެވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ޖީއެމްއާރު ކުންފުންޏާ އެކު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަދާފައި އޮތް އެއްބަސްވުން 2012 ވަަނަ އަހަރު، ރައީސް ވަހީދުގެ ސަރުކާރުން އުވާލުމުން ޖީއެމްއާރްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު ނުވަތަ 4.1 ބިލިއަން ރުފިޔާ ދައްކަން މި މައްސަލަ ބެލި ސިންގަޕޫރުގެ އާބިޓްރޭޝަނުން އޭރު އަމުރުކޮށްފައިވެއެވެ.
ސޯލިހު ވިދާޅުވީ ދިވެހި ދައުލަތުން ޖީއެމްއާރް އެއްބަސްވުން ބާތިލު ކުރުމުން އާބިޓްރޭޝަނަށް 280 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަ މަށެވެ. އެ މައްސަލަ ކުރިމަތި ނުވި ނަމަ، ރިޒާވްގައި އެއަަށްވުރެ ގިނަ ފައިސާ ހުރީސް ކަމަށް ވެސް ވިދާޅުވިއެވެ.
ސޯލިހު އެހެން ވިދާޅުވި ނަމަވެސް، ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސްކުރީ، 2016 ވަނަ އަހަރުގައި ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައިކަން ވެސް ފާހަގަކޮށްލެވެއެވެ.
”އެއާ ގުޅިގެން އަޅުގަނޑުމެންނަށް މަޖުބޫރުވީ ފައިސާ ހޯދަން. ރިޒާވްއަކު ނެތް ލާރިއެއް. ރައްޔިތުންނަށް ކާންދޭން ޖެހޭ، ބޭސް ގެންނަން ޖެހޭ. އަޅުގަނޑުގެ އެންމެ މުހިންމު ވާޖިބެއް ކަމުގައި، އަޅުގަނޑު ދުށީ، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން.“ ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ، ތަރައްގީއަށާއި ޕްރޮޖެކްޓުތައް ހިންގުމަށް ވެސް ސަމާލުކަން ނުދެވުނީ އެހެންވެ ކަމަށާއި، ރައްޔިތުން ނެތި ގައުމެއް ނޯންނާނެ ކަމަށެވެ.
”ލޯނު ނެގިން، ލޯނު ނަގަން ޖެހުނު. އެކަމަކު ލޯނު ބަޔަކު ދޭނީ ވެސް، ލޯނު އަނބުރާ ދެއްކޭނެ ކަމުގެ ސިޔާސަތެއް އޮވެގެން ނޫންތޯ؟ އެހެންވެގެން އަޅުގަނޑު ލޯނު ނެގީ. އެކަމަކު އެ ލޯނު ނެގީ، މި ދެންނެވިހެން، އަނބުރާ ދެއްކޭނެކަމުގެ ޕްލޭނާ ސިޔާސަތުތަކެއް އެކުލަވައިލައިގެން.“ ރައީސް ސޯލިހު ވިދާޅުވިއެވެ.
ސޯލިހު އިތުރަށް ވިދާޅުވީ ސަރުކާރަށް ލޯނު ނުދެއްކިގެން އުޅެން ނުޖެހޭނެ ކަމަށާއި، ލޯނުތައް ދެއްކުމުގެ ހަކަތަ ރާއްޖޭގެ އިގްތިސާދުގައި ހުންނާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު ފެނިގެންދަނީ، އެކަން މެނޭޖު ކުރަން ނޭނގޭނެ ބަޔަކު އުޅޭނެ ގޮތް ކަމަށް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު މުޅި ދުނިޔޭގެ އިގްތިސާދުވެސް ރަނގަޅު ކަމަށާއި، އެހެންނަމަވެސް މި ފަސް އަހަރު ނިމޭއިރު، ރާއްޖޭގެ ދަރަނި ވާނީ އިތުރު ކަމަށެވެ.


ކޮންމެ ކަމެއްކޮށްފަ ކޮންމެބަޔަކުވެސް ރައްޔިތުންނޭ ބުނީމަ އެނިމުނީ. ގުދޯގުދޯ ނުގޮވާ އިޚްލާޞްތެރިކަމާއެކު ކޮންމެބަޔަކުވެސް ޤައުމަށް ކަމެއްކޮށްދެވޭތޯ ބެލިއްޔާރަނގަޅު. އެކަމަކު ބަދަލުގެ ނަމުގައި އެތަކެއް މިލިޔަނުން ދޫކުރީމަ އެ ނުވާނެ މުޅިރައްޔިތުންގެ ސަލާމަތަށް ކުރިކަމަކަށް. އެކަންވާނީ ތިމާގެ ގާތްމީހަކަށް ކަމެއްކޮށްދިނުންކަމުގައި. އެފަދަ ކަންކަން ނުކޮށް މިފަދަ ވާހަކަ ދެއްކިނަމަ، އިޚްލާޞްތެރިކަމެއް އެބައޮތޭ ހިތަށް އެރީސް!