އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މޭޔަރެއް މާލެ ސިޓީ ކައުންސިލްގައި ހުރުން 100 މީދަލެކޭ އެއްވަރު ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ މާފަންނު ކެމްޕެއިން އިފްތިތާހުކުރުމަށް މިރޭ ރަސްފަންނުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ ދިވެހިރާއްޖޭގައި އިދާރީ ދާއިރާތައް ބެހިގެން ވެރިކަން ކުރަން ފެށި ފަހުން ދިވެހިން ކުރާ އެންމެ ހިތި ތަޖުރިބާއަކީ، ވެރިކަން ލިބުމުން، އޭގެ އޮޕަރޭޝަނަށް ސިޓީ ކައުންސިލުގައި އާދޭސް ދެންނެވުން ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލާއި ސަރުކާރާއި ދެމެދު އުފެދޭ ކުނީގެ ސަބަބުން، ހުރިހާ ބާރެއް ކުރަނީ ރައްޔިތުންނަށް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ މާލެ ސިޓީ ކައުންސިލް މިފަހަރު ނަގާނީ ޕީއެންސީން ކަމަށާއި، އެހެން ޕާޓީއަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އެގޮތުން މާލޭގެ ބޮޑުކަތުކުރުފާނު މަގު ފުޅާކުރުމުގައި ވެސް މިހާރުގެ ސިޓީ ކައުންސިލުން ވަރަށް ދަތިތައް ކުރިމަތިކުރުވި ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި މާލޭގައި ފެން ހިންދުމުގެ ކަންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ވެސް މޭޔަރު ގާތު ވަރަށް އާދޭސް ދެންނެވި ނަމަވެސް އެކަމަށްވެސް ހައްލެއް ހޯއްދަވައިނުދެއްވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ތަމްސީލް ކުރާ ފުޓްސަލް ޓީމު ކުޅުމަށްޓަކައި ފުޓްސަލް ދަނޑެއް ދިނުމަށް މުސްތަފާ އަމިއްލަފުޅަށް މޭޔަރުގާތުގައި އާދޭސް ދެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފުރުސަތު ވެސް ނުދެއްވުމުން، ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ލިބުނު ގަޑިތަކުގައި ފުޓްސަލް ތަމްރީނުތައް ކުރިއަށްގެންދަން ޖެހުނީ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ރަސްފަންނަށް މޫދަށް އެރޭ ކަނބަލުން އެދިގެން، ރަސްފަންނު ސާފުކޮށްދިނުމަށް ވެސް މޭޔަރު ގާތުގައި ދެންނެވި ކަމަށެވެ. އެކަންވެސް ދާދިފަހުން ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އެމްޑީޕީގެ ދެ ސަރުކާރެއް ނިމިގެން ދިޔަ އިރުވެސް މާލެ ސަރަހައްދުގައި ބިން ހިއްކާފައި އެންމެ ތަންކޮޅެއްވެސް ނެތް ކަމަށެވެ. އަދި ޕީއޭންސީގެ މި ވެރިކަމުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް މާލެ ސަރަހައްދުގައި ހިންގަމުން އަންނައިރު، މާލެ ސިޓީގެ މޭޔަރުކަން ޕީއެންސީއަށް ލިބުމުން އެފަދަ މަސައްކަތްތައް އިތުރަށް ފަހިވެގެންދާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން މުޅި ރާއްޖޭގައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންގޮސް ރައްޔިތުންނަށް ފަހި އިގްތިސާދެއް ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނީ ލޯކަލް ކައުންސިލްތަކާއި، ޑަބްލިޔުޑީސީ އަދި މޭޔަރު ގޮނޑިތައްވެސް ޕީއެންސީއަށް ލިބިގެން ކަމަށް މުސްތަފާ ވިދާޅުވިއެވެ.