ރާއްޖޭގައި ބާއްވާ މައި ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދެކޮޅު ހެދީ ހަ މަސް ދުވަހުގެ މުސާރަ އުނިވާތީ ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް މަޖިލީހުން ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ކޮންގްރެސް ޕާޓީގެ މާފަންނު ކެމްޕެއިން އިފްތިތާހުކުރުމަށް މިރޭ ރަސްފަންނުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މުސާރައަށް ބަލާނަމަ ފަސް ލައްކައެއްހާ ރުފިޔާ ކަމަށެވެ.
”އެއީ ގާތްގަނޑަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މުސާރައަށް ބަލައިފިއްޔާ ހަތަރު ލައްކަ އައްޑިހަ ވަރަކަށް ރުފިޔާ، ނޫނީ ފަސްލައްކަ ރުފިޔާ ކަމަށްވެސް ވެދާނެ. ހަގީގަތުގައި މުސާރައަކީ 42،500 ރުފިޔާ. ދެން ކޮމިޓީ އެލަވަންސާ އެކި އެއްޗެހި ލީމަ، ކޮމިޓީތަކަށް ހާޒިރުވެއްޖެއްޔާ 80،000 ވަރަކަށް ރުފިޔާއަށް އަރައިގެން މިދަނީ.“ ފަލާހު ވިދާޅުވިއެވެ.
”ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށް، ހަމަ ރަނގަޅަށް ވިސްނައިވަޑައިގަތީމަ އެނގިވަޑައިގަންނަވާނެ މިއީ ގައުމެއްގެ ހައިސިއްޔަތުން ވަރަށް މުހިންމު ވޯޓެއްކަން، މިއާ އެއްކޮޅަށް މި ފާސްކުރަން ވޯޓުދިނުމަކީ. މީގަ ގެއްލުންވާނެ އެއްވެސް ސަބަބެއް، އެއްވެސް ބޭފުޅަކަށް ނުދެންނެވޭނެ.“ ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން 80 މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.
އަދި ދުނިޔޭގެވެސް ސިޔާސީ މަސްރަހު މިހާރު އޮންނަ ގޮތުން ކޮންމެ އިންތިހާބަކާއި ދިމާކޮށް ދައުލަތަކަށް ބުރަ ބޮޑުވާ އެތައް ކަމެއް ހިންގާ ކަމަށެވެ.
”މިސާލަކަށް އެ ވެދާނެ ޕްރޮޖެކްޓަކަށްވެސް. މިސާލަކަށް އެ ވެދާނެ ގިނަ އަދަދެއްގެ ވަޒީފާ ނަގަން ޖެހުން ކަމަށްވެސް. މިސާލަކަށް އެ ވެދާނެ ފަރުދީގޮތުން، އަމިއްލަގޮތުން ކުރަންޖެހޭ ވަރަށް ގިނަ ހޭދަތައް ކަމަށްވެސް. އެހެންމަ މި ހުރިޔާ ކަމަކަށް، ހުރިޔާ ނަޒަރިއްޔާތަކުން ވިސްނާލާއިރުގައި ދެ އިންތިހާބު އެއްކޮށްލުމަކީ މި ގައުމަށް ވަރަށް ފައިދާހުރި ކަމެއް.“ ފަލާހު ވިދާޅުވިއެވެ.
މަޖިލީހުން އެ އިސްލާހު ފާސްކުރެއްވި ނަމަވެސް އެކަމުގައި ފަހުގޮތް ނިންމާނީ ރައްޔިތުންކަން އެ ދުވަހު މަޖިލީހުގައިވެސް ފާހަގަކުރައްވާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި އެއާ އެއްގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވިކަން ފަލާހު ވަނީ ފާހަގަކުރައްވާފައެވެ. އެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއިއެކު، އެޕްރީލް މަހުގެ ހަތަރެއްގައެވެ.
މިއީ ވަރަށް މުހިންމު ވޯޓެއް އަދި އިސްލާހެއްކަން ފާހަގަކުރައްވާ ފަލާހު ވަނީ ރަނގަޅު ފާހަގަޖެހުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީން ސަރުކާރު ވެރިކަން ނުކުރާ ފަހަރެއްގައި ދައުލަތުގެ ބަޖެޓަށް ވެސް އެ ޕާޓީން ވޯޓު ނުދެއްވާ ކަމަށެވެ.
ދައުލަތުގެ ބަޖެޓަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރަކުން ރައްޔިތުންނަށް އެކުލަވާލާ އެންމެ ބޮޑު، އެންމެ މުހިންމު ބަޖެޓު ނަމަވެސް އެމްޑީޕީ ވެރިކަމުގައި ނެތް ނަމަ ދުވަހަކުވެސް ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ ކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ގެކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ އެތަނަކީ ގިނަ ވާހަކަތައް ދައްކައި، ހަމަޖެހުމާއި ހަމަނުޖެހުންތައް ވެސް އެންމެ ގިނައިން ހިނގާތަން ކަމަށެވެ.
އަދި ރައްޔިތުންގެ ހައްގުގައި ވަރަށް ގިނަ އިސްލާހުތަކާއި ބިލުތައް ފާސްކުރައްވާފައި ވީނަމަވެސް، އެ ކަންތައްތަކަށް އެމްޑީޕީގެ ފަރާތުން ތާއީދު ލިބިފައި ނުވާކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީއާއި ޕީއެންސީއަކި ވަރަށް ތަފާތު ވިސްނުމުގެ ދެ ޕާޓީ ކަމަށެވެ. އެގޮތުން ދެ ޕާޓީން ގެންގުޅޭ ސިޔާސަތުތަކާއި، ހިޔާލާއި ވިސްނުމުގެ އިތުރުން އުޅުންވެސް ވަރަށް ތަފާތުކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ހަމައެކަނި އެއްގޮތް ކަމަކީ ދިވެހިންނަށް ވީތީ މޫނުމަތިން ފެންނަ ފެނުމާއި އިސްކޮޅާއި ކުލައާއި އެއްގޮތް ކަމަށެވެ. ނަމަވެސް މިޒާޖާއި ހިޔާލާއި އުޅުމާއި، ވާހަކައާއި ވައްޓަފާޅިވެސް ވަރަށް ތަފާތު ކަމަށް ފަލާހު ވިދާޅުވިއެވެ.
އިންތިހާބަކާއި ނުލާ ޕިއެންސީއަށް މިހާރުވެސް 69 ގޮނޑި ކަށަވަރުވެފައިވާކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ އެކި އެކި ހިސާބުތަކުން ދައްކާގޮތުގައި ޕީއެންސީން 800 ނުވަތަ 900 ގޮނޑި މި އިންތިހާބުގައި ކާމިޔާބުކުރާނެ ކަމަށެވެ.

