ރައްޔިތުންގެ ސީދާ ވޯޓަކުން ނޫނީ، ގާނޫނު އަސާސީން ލާޒިމްކުރާ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުނިންމަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އޮންނަ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ މާފަންނު ކެމްޕެއިން އިފްތިތާހުކުރުމަށް މިރޭ ރަސްފަންނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަމުން ނައިބު ރައީސް ވިދާޅުވީ ރައީސްއަށް އިތުބާރު ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީވެސް ރައްޔިތުން ސަރުކާރަށް ހޯދައިދީފައިވާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ މައި ދެ އިންތިހާބު އެއްކޮށްލުމަކީ ވެސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ކުރެއްވި ދަތުރުފުޅުތަކުގައި ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނުގެ އަރިހުން އެދިފައިވާ ކަމެއް ކަމަށެވެ. އެއީ ދައުލަތަށް ނުހަނު ފައިދާކުރާނެ ކަމެއް ކަމަށާއި، އޭގެ ނަތީޖާވެސް ވަރަށް ރަނގަޅުވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުމުން އެ ޕާޓީން މަސައްކަތް ކުރަމުން އަންނަ ރޫހު ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށެވެ. އެގޮތުން އެ ބޭފުޅުން ނަގަހައްޓަނީ ކޯއްޗެއްތޯ ބަލަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަދި ގާނޫނު އަސާސީއާއެކު ދިވެހި ރައްޔިތުންގެ ހައްގުތައް ދަމަހައްޓަން އެމްޑީޕީން މަސައްކަތް ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ޒިންމާދާރު މަސައްކަތްތަކެއް ކުރުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ނަމަވެސް، ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ފަށާފައިވަނީ ކޮން މަސައްކަތްތަކެއްތޯ ނައިބު ރައީސް ވަނީ ސުވާލު ކުރައްވާފައެވެ.

އެގޮތުން ރިޔާސީ އިންތިހާބަށް ފަހު އައު މަޖިލީހެއް އިންތިހާބު ކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ އެ މުއްދަތަކީ ގާނޫނީ ބޮޑެތި ނިންމުންތައް ނިންމުމަށް މަޖިލީހަށް އިހްތިޔާރުލިބިގެންވާ މުއްދަތެއް ނޫން ކަމަށެވެ.

އެހެންނަމަވެސް އެމްޑީޕީން ކުރައްވަން ފެއްޓެވި މަސައްކަތަކީ ގާނޫނާ ހިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނޯ ކޮންފިޑެންސް ވޯޓެއް ނެންގެވުމުގެ މަސައްކަތް ކުރަން ފެއްޓެވުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެކަމުގައި އިސްކޮށް ތިއްބެވި ބޭފުޅުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކެމްޕެއިން ދަތުރުތައް ކުރައްވަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕުން ނިންމަވައިގެން ތިބި ނިންމެވުންތަކަކީ ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ނިންމަވައިގެން ތިއްބެވި ނިންމެވުންތަކެއް ކަމަށެވެ.

ނަމަވެސް އެމްޑީޕީ ތެރޭގައިވެސް އޭރު ތިއްބެވި ބައެއް ބޭފުޅުން ގައުމު އިސްކުރައްވާ، ސަރުކާރާއެކު މިހާރު މަސައްކަތް ކުރައްވަމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެމްޑީޕީގެ ލީޑަޝިޕުން ދައްކަނީ ހަމަޖެހޭ އުސޫލުތަކަށް ބިނާކޮށްގެން ނޫން ކަމަށާއި ގައުމު ބައްޓަން ކުރުމުގައި އެމީހުން އަބަދުވެސް އިސްކުރަނީ އެމީހުންގެ މަސްލަހަތު ހުރި ކަންކަން ތަންފީޒުކުރުމަށް ކަމަށެވެ.