ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އަނިޔާ ލިބޭ މީހުންގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލު ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތުގައި، އަނިޔާ ލިބޭ މީހާގެ ރައްކާތެރިކަމަށް ނެރޭ އަމުރެކެވެ.

ފުލުހުން ބުނީ މިދިޔަ އަހަރު ވެސް އެ އަމުރާ ހިލާފުވެގެން 99 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން 38 މީހަކު ހައްޔަރުކުރި ކަމަށެވެ.

އަމުރާ ހިލާފުވެއްޖެ ނަމަ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމަށާއި، އެފަދަ 24 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޯޓުތަކުން ނެރޭ އެފަދަ އަމުރުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާ ނަމަ، ލަސްނުކޮށް އެކަން ރިޕޯޓް ވެސް ކޮށް ދޭން އެދޭ ކަމަށް ފުލުހުން ބުނެއެވެ.