ސަރުކާރު ޖަވާބުދާރީ ކުރުވަން ކައުންސިލަރުން މަސައްކަތް ކުރަން ނުޖެހޭ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ގޮނޑިތަކަށް އިންތިހާބުކުރަން ޖެހެނީ ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ބައެއް ކަމަށް އެބޭފުޅާ ގާތުގައި އިއްޔެ މީހަކު ބުނެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އެއްކޮށް ވިދާޅުވިއިރު، ޒިންމާދާރުކުރުވަން ޖެހޭ އެއްވެސް މާއްދާއެއް ފެނިވަޑައިނުގަންނަވާ ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ގާނޫނު ވިދާޅުވަމުން ހަލީމް ވިދާޅުވީ ލާމަރުޒަކީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ދިމަކްރާތީ އަދި ޖަވާބުދާރީވެނެވި އުސޫލަކުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ސަގާފީގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގުފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމްކޮށްދިނުމަށް ގާނޫނުގައި އޮންނަ ކަމަށެވެ.

ހަލީމް ވިދާޅުވީ ވަރަށް ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށްފައި އޮތީ އުސޫލުން ހިންގުމުގެ ބޭނުން ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވަން ނުޖެހޭނެ ކަމަށާއި، ޖަވާބުދާރީވާން ޖެހޭނީ ކައުންސިލުން ކަމަށް ހަލީމް ވިދާޅުވިއެވެ. ހަލީމް ވިދާޅުވީ ޕީއެންސީގެ މަގުސަދަކީ މި އުސޫލާ އެއްގޮތަށް މަސައްކަތް ކުރާނެ ކެންޑިޑޭޓުން އިންތިހާބުކުރުން ކަމަށެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްގެ ބާރުތައް ހިމަނާފައި އޮންނަ މާއްދާއަށް ނަޒަރު ހިންގާލާއިރު، ވަރަށް ގިނަ ބާރުތަކެއް ކައުންސިލަށްވެސް ދީފައި އޮންނަ އިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމާ ގުޅޭ އެއްވެސް ކަމެއް ގާނޫނުގައި ނެތް ކަމަށް ހަލީމް ވިދާޅުވިއެވެ.

ތަރައްގީއާއި ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުން ވެސް ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސައްކަތްތަކާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ސަރުކާރާއި އިދިކޮޅު ކައުންސިލަކުން މި މަސައްކަތްތައް ކުރާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން މާލެ ސަރަހައްދުގައި ގާއިމްކުރަމުން އަންނަ އާބަން ޕްރައިމަރީ ހެލްތްކެއާ ސެންޓަރުތަކުން ހިދުމަތް ދޭން ފަށާފައިވާކަން ފާހަގަކުރައްވާ ހަލީމް ވިދާޅުވީ، ޕްރައިމަރި ހެލްތްކެއާއާއި ސިއްހީ ރައްކާތެރިކަމުގެ އަސާސީ ހިދުމަތްތައް ދިނުމަކީވެސް ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް މި މަސައްކަތް ކުރެވެމުން ދަނީ ރައްޔިތުންނަށް މި ހިދުމަތް ދިނުމަށް ރައީސް ބޭނުންފުޅުވާތީކަމަށް ހަލީމް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ބޭނުން ކުރިއަށް އޮތް ތާނގައި މި ހޮވޭ ކައުންސިލްގެ ބޭފުޅުންނާ އެކީގައި އަދި ހާއްސަކޮށް މޭޔަރާއި އެކީގައި މި މަސައްކަތް އިތުރު ބާރުމިނުގައި ކުރިއަށްގެންގޮސް ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދޭން. އެކަމަށް ތިބޭފުޅުން ތައްޔާރުތޯ“ ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ސިޓީ ކައުންސިލްގެ ބައިވަރު ކޮމިޓީތައް ވެސް ހުންނައިރު، އެ ކޮމިޓީތަކުގެ މެންބަރުންނަށް ތިއްބަވަނީ ހުސް ކައުންސިލް މެންބަރުން ކަމަށެވެ. އެއިން ކޮމިޓީއެއްގައި ސިޓީ ކައުންސިލުގެ މޭޔަރު އިނދެވަޑައިނުގަންނަވާ ކަން ފާހަގަކުރައްވާ ހަލީމް ވިދާޅުވީ ކަން އޮންނަ ގޮތަކީ ކައުންސިލަރުން ދިރާސާތަކާއި ބައްދަލުވުންތައް ބޭއްވުމަށް ފަހު އެކަމުގެ ރިޕޯޓު މޭޔަރަށް ހުށަހެޅުން ކަމަށެވެ.

”މި ކޮމިޓީން ކިތަންމެ ރަނގަޅަށް އަޅުގަނޑުމެންގެ މެންބަރުން މަސައްކަތް ކޮށްފައިވެސް، މޭޔަރަށް ރިޕޯޓު ހުށަހެޅުމަށްފަހު މޭޔަރު އެ ރިޕޯޓުތަކުގައި އަތް އަޅައިގެން، ވަތްގަނޑަށް ލާފައި ފޮރުވާފައި ބެހެއްޓީމާ ކިހިނެތްތޯ ވާނީ؟ އެ ސަބަބާހުރެ އަޅނޑުމެންގެ މޭޔަރު މި ހޮވަން ޖެހެނީ. ސަރުކާރުގެ ހިދުމަތްތައް، ސަރުކާރުން ކުރަންޖެހޭ ކަންކަން، ސަރުކާރުގެ ތަސައްވުރު ކުރިއަށްގެންދިއުމާއި ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމުގައި ސިޓީ ކައުންސިލުގެ ދައުރު ވަރަށްވެސް ބޮޑު.“ ހަލީމް ވިދާޅުވިއެވެ.

ހަލީމް ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައި، ސަރުކާރާ ގުޅިގެން ރައްޔިތުންނަށްޓަކައި މަސައްކަތްކުރާނެ ކައުންސިލަރުން އިންތިހާބު ކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.