1447 ވަނަ އަހަރުގެ މާތްވެގެންވާ ރަމަޟާން މަހާ ދިމާކޮށް، ކުޑަކުދިންނަށް ހާއްސަކޮށްގެން ”ހުކުރު ޚުތުބާ ކުއިޒް“ ގެ ނަމުގައި ގައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް އިސްލާމިކް މިނިސްޓްރީން ފަށަައިފިއެވެ.
މިއީ އުމުރުން 7 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ހުކުރު ހުތުބާއަށް ދޭ ސަމާލުކަން އިތުރުކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަތިވެރި މަގްސަދުގައި ފެށި ޕްރޮގްރާމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، މުބާރާތުގެ މަގޓްުސަދުގެ ތެރޭގައި ހުކުރު ހުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމާއި ހުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތަކާއި ދީނީ މައުލޫމާތު ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން އާއިލާތަކުގެ މެދުގައި ހުކުރު ހުތުބާގެ މަޢުލޫމާތުތަކާމެދު މަޝްވަރާކުރުމުގެ ރޫޙު އާލާކޮށް، އާއިލީ ގުޅުން ބަދަހިކުރުން ހިމެނޭ ކަަމަށެވެ.
މި ކުއިޒަކީ ދިވެހި ބަހުން ކުރިއަށްގެންދާ ”އޯޕަން ބުކް“ މެތަޑަށް ކުރިއަށްދާ ކުއިޒެކެވެ.
އެހެންކަމުން ކުއިޒަށް ޖަވާބު ދިނުމަށްޓަކައި ވުޒާރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ހުތުބާ ކިޔަންވާނެއެވެ. އަދި ހުތުބާ ފަހުމުވުމަށްޓަކައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކުދިންނަށް އޮންނާނެއެވެ.
ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށް ކަމަށްވުމުން، ފޯނުން ނުވަތަ ކޮމްޕިއުޓަރުންވެސް ފަސޭހަކަމާއެކު ކުއިޒުގައި ބައިވެރިވެވޭނެއެވެ.
ކޮންމެ ހަފްތާއެއްގެ ވެސް ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކުއިޒް ހުޅުވާލެވޭއިރު، ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:00 އާ ހަމައަށް ކުއިޒުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
މުބާރާތް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ބައިވެރިން ވަނީ ތިން އުމުރުފުރައަކަށް ބަހާލާފައެވެ. އެއީ ގްރޫޕް އޭ (7-9 އަހަރު)، ގްރޫޕް ބީ (10-12 އަހަރު) އަދި ގްރޫޕް ސީ (13-15 އަހަރު) އެވެ.
މި ކުއިޒުގައި ބައިވެރިވުމަށްޓަކައި މިނިސްޓްރީއިން މިކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ވައިބާ ކޮމިއުނިޓީ ގްރޫޕަކަށް ވަންނަން ޖެހެއެވެ. މި ކޮމިއުނިޓީ ގްރޫޕުގެ ލިންކަކީ: https://invite.viber.com/?g2=AQAbinPB6xYicFYdNriAFZqhSTqTNphujAPtv9QieMHhq25fJVzTH%2BZNaL7bXwz%2B
މި ގްރޫޕަށް ކޮންމެ ހުކުރު ހުތުބާއެއް ލެވޭނެއެވެ. އަދި ކުއިޒާބެހޭ އިތުރު މައުލޫމާތު ވެސް ދެވޭނެއެވެ.
މިއީ އޯޕަން ބުކް ކުއިޒަކަށްވާތީ، މުބާރާތުން ވަނަވަނައަށް ދާނީ ހުރިހާ ބުރުތަކެއްގެ ޖުމްލަ ސްކޯގެ %90 އަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިންނެވެ. އަދި މާކްސް އެއްވަރުނަމަ އެކުދިންގެ މެދުގައި މެދުގައި ނެގޭ ގުރުއަތަކުންނެވެ. ކޮންމެ އުމުރުފުރައަކުންވެސް ވަނަތަކަށް ހޮވޭ ކުދިންނަށް ވަރަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ:
- 1 ވަނަ އަށް ދާ ކުއްޖަކަށް: އުމްރާ ދަތުރެއް (ޖުމްލަ 3 އުމްރާ ދަތުރު)
- 2 ވަނަ އަށް ދާ ކުއްޖަކަށް: -/1000 ރުފިޔާ
- 3 ވަނަ އަށް ދާ ކުއްޖަކަށް: -/500 ރުފިޔާ
އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ފަށާ މި ޕްރޮގްރާމަކީ ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްވަރު ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމަށް އަޅާ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.
ވީހާވެސް ގިނަ ކުދިންނާއި ބެލެނިވެރިން މި ފުރުސަތުގެ ބޭނުން ހިފައި، މި ކުއިޒުގައި ބައިވެރިވުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

