ތިނަދޫ ސިޓީގެ އުތުރާއި ދެކުނުން ވެސް ފެންނަން އޮތީ ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ފިކުރުގެ ތެރެއިން އައިސްފައި އޮތް ތަރައްގީކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ތިނަދޫ ސިޓީގެ މާލެ ކެމްޕެއިން އޮފީސް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ތިނަދޫ ސިޓީއަށް އައިސްފައިވާ ތަރައްގީ އެ ސިޓީގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އެގޮތުން ބަނދަރާއި، ތިނަދޫގައި ހިއްކާފައި އޮތް ސަރަހައްދު އަދި އިސްލާމީ މަރުކަޒަށް އަލިއަޅުއްވާލައްވަމުން ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިން މިނިސްޓަރުކަމަށް ހުންނެވި އިރު ހިންގި މަޝްރޫއުތަކުގެ އަސަރު ތިނަދޫއިން ފެންނަން އެބަހުރި ކަމަށެވެ.
ތިނަދޫގެ ތަރައްގީއަށްޓަކައި ރައީސް ކޮށްދެއްވަމުން އަންނަ މަސައްކަތްތައް ކާމިޔާބުކަމާއެކު ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި، އެމަނިކުފާނު ތިނަދޫ ސިޓީއަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ވަރަށް ގާތުން ފެނިވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ތިނަދޫ ސިޓީއަށް ޕީއެންސީގެ ފަރާތުން މިހާރު ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން އަދި ހާއްސަކޮށް މޭޔަރުކަމަށް ކުރިމަތިލައްވާފައި މުހައްމަދު އަޖީބަކީ ޖަވާހިރެއް ކަމަށެވެ.
”ތިނަދޫގައި މިހާރު އޮތް ޒުވާން ޖީލު، އެ ބޭފުޅެއްގެ އިރުޝާދުގެ ދަށުން ތަރުބިއްޔަތުވި، މުޅި ތިނަދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުން އެބޭފުޅަކު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް އަޖީބުއަކީ އެއީ.“ ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ތިނަދޫގެ އުތުރާއި ދެކުނުގެ ޕީއެންސީގެ ޓީމުތައް އެކުވެރިކަމާއި ބަދަހިކަމާއެކު މަސައްކަތް ކޮށްފިނަމަ އެންމެ ގިނަ ވޯޓުން ހޮވޭނެ ކެންޑިޑޭޓަކަށް އަޖީބް ވާނެ ކަމަށެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހާރު މި އޮތް ހެޔޮ ދުވަސްތައް ދަމަހައްޓަން ބޭނުންފުޅުވާ ކަމަށެވެ. މިގޮތަށް ކުރެވޭ މަސައްކަތްތަކުގައި ރައީސްގެ ޒައާމަތުގައި އެމަނިކުފާނުގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ރާއްޖެ ދަތުރުކުރަމުން މިދަނީ ﷲ ގެ މަތިވެރި ރަހުމަތްފުޅާ އެކުގައި ވަރަށް ވެސް ހެޔޮ އަމާޒަކަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެގޮތުން އިޖްތިމާއީ ގޮތުންވެސް، ދީނީ ގޮތުންވެސް އަދި އިގްތިސާދީ ގޮތުންވެސް ﷲ އިރާދްކުރެއްވިއްޔާ ރާއްޖެ ދަތުރުކުރަމުން މިދަނީ ރަނގަޅު އަމާޒަކަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެހެންކަމުން މި ހާލަތު ދެމެހެއްޓުމަށްޓަކައި މިހާރު ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން އަދި ސަރުކާރުގެ ތަސައްވުރަށް ތާއީދުކުރައްވާ ކެންޑިޑޭޓުން މި އިންތިހާބު ކާމިޔާބުކުރުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ވެރިކަން އިތުރަށް ބަދަހިކަމާއެކު ދެމެހެއްޓުމުގައި އެޅިގެންދާނެ ވަރަށްވެސް ވަރުގަދަ ބިންގަލަކަށް ވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

