އިސްލާމް ދީނަށް ތަކުރާރުކޮށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކަމުން ދިޔަ މީހަކު ފުލުހުން ތަހުގީގަށް ހާޒިރުވުމަށް ހޯދަން އިއުލާނު ކޮށްފިއެވެ.

މިގޮތުން، ފުލުހުންގެ ވެބްސައިޓުގައި ތަހުގީގަށް ހާޒިރުވާން އެންގީ ހ. ފިލިކުރިގެ، އަހްމަދު އާމިރު (51 އ)އެވެ.

ފުލުހުން ބުނީ އާމިރު ތަހުގީގަށް ހާޒިރުކުރަން ބޭނުންވަނީ ސޯޝަލްމީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމިކް މިނިސްޓްރީ ނައްތާލުމަށް ގޮވާލައި ތަކުރާރުކޮށް ވާހަކަދައްކަމުން ދާތީ ކަމަށެވެ.

އާމިރު ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް ދިރިއުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެހެންވެ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އޭނާ ފުލުހަށް ހާޒިރުވުމަށް އާންމުކޮށް ވަނީ އަންގާ އިއުލާންކޮށްފައެވެ.

އާމިރު އިސްލާމް ދީނަށް ފުރައްސާރަކުރަމުންދާއިރު އޭނާ ހައްޔަރު ކުރުމަށް މީގެ ކުރިން އާއްމުން ގޮވާލާފައިވެއެވެ.