ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން މި ދުވަސްވަރު ފޯރިގަދަވެފައިވާއިރު، އިތުރު އެހެން ކަމަކާ ގުޅޭގޮތުން ވެސް މިވަނީ ރައްޔިތުންގެ މެދުގައި ވަރަށް ފޯރިގަދަވެފައެވެ.

އެގޮތުން މި ދުވަސްވަރު އެންމެ ގަދައަށް ދެކެވެމުން އަންނަ އަނެއް ވާހަކައަކީ ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަހު ނަގަން ތައްޔާރުވަމުން އަންނަ އިތުރު ވޯޓެއްގެ ވާހަކައެވެ.

އެއީ ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ދެ އިންތިހާބުކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގެ ވާހަކައެވެ.

މި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ދައުލަތަށް އެންމެ ފައިދާހުރި އަދި ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތް ކަމަށް ބުނެ، އެކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ތާއީދުކުރާކަން ދަނީ ހާމަ ކުރަމުންނެވެ.

މި މައުޟޫއަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަށް ވެފައިވާއިރު، އާންމުންގެ މެދުގައި ކުރެވުނު މަޝްވަރާތަކާއި ހިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި، ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުން ބޭނުންވަނީ މައިގަނޑު ދެ ސަބަބަކަށްޓަކައެވެ.

އެއީ ދައުލަތުގެ ބަޖެޓުން އިންތިހާބުތަކަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމަށާއި، އިންތިހާބީ ކަންކަމުގައި ރައްޔިތުންނާއި އިދާރާތަކުން ހޭދަކުރަންޖެހޭ ވަގުތު ސަލާމަތްކުރުމަށެވެ. އެގޮތުން، ބޮޑު ދެ އިންތިހާބު އެއްކޮށްލުމުން، ގާތްގަނޑަކަށް 130 މިލިއަން ރުފިޔާ ސަލާމަތް ވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރުވެސް ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައެވެ.

މި ސިޔާސަތުގެ ދަށުން، އިންތިހާބުތައް އެއްކޮށްލުމަކީ އިލެކްޝަންސް ކޮމިޝަނުގެ އިދާރީ ހަރަދުތަކާއި، ސަލާމަތީ ކަންކަމަށް ހިނގާ ހަރަދުތަކުގެ އިތުރުން، އިންތިހާބުތަކަށް އޮފިޝަލުން ތަމްރީނުކުރުމާއި ލޮޖިސްޓިކްސް ކަންކަމަށް ހިނގާ އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ ކަމެކެވެ.

މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ، ގައުމުގެ އިގްތިސާދީ ހާލަތަށް ބަލައި، ރައްޔިތުންނަށް ފައިދާހުރި ކޮންމެ ނިންމުމެއް ނިންމުމުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އަދި އިންތިހާބުތައް އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ނުވަތަ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ ރައްޔިތުންގެ ލާބައަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަ އަދި ދައުލަތަށް ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުން ކަމަށް މީގެ ކުރިން އިޝާރާތް ކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން މިފަދަ ބަދަލަކަށް މަސައްކަތް ކުރަމުންދާއިރު، މިއީ ގައުމުގެ ހަމަޖެހުމަށްވެސް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

މި ބަދަލަށް ތާއީދުކުރާ ރައްޔިތުން އިތުރަށް ފާހަގަކުރާ ގޮތުގައި، ކޮންމެ ފަސް އަހަރަކުން ދެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގައުމުގެ އުފެއްދުންތެރިކަމަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ.

ސަބަބަކީ އިންތިހާބުތަކުގެ ފޯރީގައި ގިނަ ދުވަސްތަކެއް ހޭދަވެ، ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކުގެ މަސައްކަތްތަކަށް މަޑުޖެހުމެއް އަންނާތީއެވެ. ދެ އިންތިހާބު އެއްކޮށްލުމުން، ސިޔާސީ ހަލަބޮލިކަމުގައި ހޭދަވާ ވަގުތު ކުޑަވެ، ގައުމީ ތަރައްގީގެ މަސައްކަތްތަކަށް ސަރުކާރާއި ރައްޔިތުންނަށް އިތުރު ވަގުތު ލިބިގެންދާނެއެވެ.

”ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާ އެންމެ ބޮޑު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، މި ދެ އިންތިހާބު އެއް އިންތިހާބުގެ ގޮތުގައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި އަދުގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ބިލެއްލައި، އަދި އެ ބިލު ފާސްވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި އަދި ދައުލަތުގެ މާލިއްޔަތަށް ވެސް ނުހަނު ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމެއް.“ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތަކު ބުންޏެވެ.

އިންތިހާބުތައް އެއްކޮށްލުމުގެ ބަހުސް ގަދަވެފައިވާއިރު، މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކޮށް، އިސްރާފު ކުޑަކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިޔާސީ ދާއިރާގެ މުހައްލިލުންވެސް ދެކެވަޑައިގަންނަވައެވެ. މިކަމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް އަވަސްކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

މި ދެ އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ މިއަދު ވިދާޅުވެފައެވެ. އެގޮތުން މިއީ ދުނިޔޭގެ ތަހުޒީބު ބައެއް ގައުމުތަކުގައި ވެސް އަމަލުކުރެވެމުންދާ އުސޫލެއް ކަމަށެވެ. އަދި ނިޒާމުގެ ހަމަޖެހުމާއި ތަރައްގީއާއި ސިޔާސީ ނިޒާމުގެ މަސްލަހަތު ގެ ނަޒަރުން ބެލިޔަސް މިއީ ރަނގަޅު ނިންމުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރައްޔިތުންނަށް ޝަހީމް އެދިވަޑައިގެންނެވީ ދެ އިންތިހާބު އެއްކޮށްލުމުގެ ވިސްނުމާއެކު ކުރިއަށް ދިއުމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި މީޑިއާއަށް މައުލޫމާތުދެއްވަމުން ދިފާއީ ވަޒީރު ގައްސާން މައުމޫން ވިދާޅުވީ ތާރީހަށް ބެލިނަމަވެސް، އިންތިހާބުތައް އެއްކޮށްލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތާއީދު ކުރެއްވިކަމަށެވެ. މި ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާއީދުކުރައްވާފައެވެ.

ނަމަވެސް އެމްޑީޕީގެ ލީޑަޝިޕުން މިކަމާ އިދިކޮޅަށް މިހާރު ވާހަކަދައްކަމުން އަންނައިރު، މިކަމާ ގުޅޭ ގޮތުން ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުވެސް ވިދާޅުވެފައިވަނީ ދެ އިންތިހާބު އެއްކޮށްލުމާމެދު އެމްޑީޕީން ދެކޮޅު ހަދަނީ ހަ މަސް ދުވަހުގެ މުސާރަ އުނިވާތީ ކަމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، 2026 ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު“ ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމަވާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ:
”ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ”ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީހަކީ ކުރިޔަށް އޮތް ”ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026“ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހެވެ.