މާލޭގައި ގާއިމްކޮށްފައިވާ ހިތްފަސޭހަ މައިޒާންތައް ކަމަށްވާ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނާއި ސުނާމީ ބިނާ ސަރަހައްދުގެ މަރާމާތުގެ މަސައްކަތްތައް ކުރުމަށްފަހު ކުރިއަށް އޮތް ފިތުރު އީދަށް ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ތަރާވީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެމަނިކުފާނު މާލެ ސިޓީ މޭޔަރުކަމުގެ މަގާމުގައި ހުންނެވި އިރު ކުރެއްވި މަސައްކަތްތައް މިހާރު އޮތީ ހުއްޓިފައި ކަމަށެވެ. އަދި މިހާރު ހުރި މޭޔަރާއެކު މާލޭގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދިމާވަމުން އަންނަ ދަތިތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްފައެވެ.
ރައީސް ވިދާޅުވީ މާލޭގައި ވީޒާނާ ވެފައިވާ ޕާކުތައް ހެދުމުގެ މަސައްކަތަކީ އެމަނިކުފާނުގެ މޭޔަރުކަމުގައި ފެއްޓެވި މަސައްކަތްތައް ކަމަށެވެ. ނަމަވެސް ދެން ހަވާލުވެވަޑައިގެންނެވި މޭޔަރު އެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ކަމަށާއި، މިދިޔަ ދެ އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ވެސް ކުރަން ފެށީ މި ސަރުކާރުން ކަމަށެވެ.
”ސަލްޓަން ޕާކު އޮތީ ވީރާނާވެފައި. ޖުމްހޫރީ މައިދާން އޮތީ ހަލާކުވެފައި. ރަސްފަންނު ހަލާކުވެފައި. އާޓިފިޝަލް ބީޗު، މިތަން، ސުނާމީ ބިނާ މައިޒާން.. މިއީ ކުރީގައި ރީތިކޮށް ހަދާފައި ހުރި ތަންތަން. އެހެން ނަމަވެސް ކައުންސިލުން ކަންކަން، ޒިންމާ އަދާނުކުރުމުގެ ސަބަބުން މާލެ ރައްޔިތުންނަށް އިހާނެތިކަން ލިބުނީ.. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިހާނެތިކަން ލިބުނީ.. އެހެންވީމާ ސަރުކާރުން މި ހުރިހާ ތަނެއް ހަދަން ފަށާފައި އެވަނީ މިހާރު.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޅި މާލޭގެ މަގުތައް ވެސް ހެދުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ފަށަން އޮތް މަސައްކަތްތައް ފަހަރަކު މަރުހަލާއެއްގައި ކުރިއަށްދާ ނަމަވެސް ރައްޔިތުންނަށް އެންމެ ދަތިވާ އެއް މަގު ހެދުމުގެ މަސައްކަތް ސަރުކާރުގެ ބަޖެޓުގެ ތެރެއިން ފަށާފައިވާކަމަށެވެ.
އެގޮތުން ބޮޑުތަކުރުފާނު މަގުން މިހާރުވެސް ނިންމުނު ހިސާބުން ރައްޔިތުންނަށް އެތައް ފަސޭހައެއް ވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރަމަޟާން މަސް ނިމުމުން ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް އަލުން ފައްޓަވާނެ ކަމަށެވެ.
އެގޮތުން އެއް ނަންބަރު ފާލަމުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލަށް އަދި، ހުޅަނގަށް ގޮސް ވެސްޓް ޕާކާއި ހަމައަށް މުޅި މަގު ފުޅާކުރުމުގެ މަސައްކަތް ތާވަލުކޮށްފައިވާއިރު، މިއާއެކު ރައްޔިތުންނަށް ވަރަށް ލުއިފަސޭހަވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

