ސަރުކާރުން ކުރަމުން އަންނަ ބޭކާރު ޚަރަދުތައް ދަށް ނުކުރެވޭއިރުވެސް، ޓެކްސް ބޮޑު ކުރާތީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވީ ޖީއެސްޓީ 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށެވެ.
ޓެކްސް ބޮޑު ކުރާތީ ކަންބޮޑުވުންފާޅުކުރައްވައި، ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި، ވެންޓިލޭޓަރުގެ ބޮޑު ކޮރަޕްޝަނާ ގުޅިފައިވާ ފައިސާވެސް ނުހޯދި، އެސްއޯއީތަކުގެ އިސްރާފުވެސް ސަރުކާރަށް ހުއްޓިފައިނުވާ ކަމަށެވެ.
”އަޗާތަޅަން ކުރާ ބޮޑެތި ބޭކާރު ހަރަދުތައް ދަށް ނުކުރެވުނީމާ، އެކަން ފޫބައްދަންވީ ނިކަމެތިންގެ ޖީބަށް އަތް ބާނައިގެން؟“ ވައްޑެގެ ޓްވީޓުގައިވެއެވެ.
އެމްއެމްޕީއާރުސީ/ވެންޓިލޭޓަރު ފައިސާ ނުހޯދުނީމާ،
ބިލިއަނުން ލިބެންޖެހޭ ރިސޯޓު ކުލީގެ ފައިސާ ނުހޯދުނީމާ،
އެސްއޯއީތަކުގެ ބިޔަބޮޑެތި އިސްރާފު ނުހުއްޓުވުނީމާ،
އަޗާތަޅަން ކުރާ ބޮޑެތި ބޭކާރު ޚަރަދު ދަށްނުކުރެވުނީމާ،
އެކަން ފޫބައްދަންވީ އެންމެ ނިކަމެތިންގެ ޖީބަށް އަތްބާނައިގެން؟— Waddey (@waddey_) October 31, 2022
ޓެކްސް ބޮޑުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 50 މެމްބަރުންނެވެ. ޓެކްސް ބޮޑުކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެމްބަރުންނެވެ. ބިލުގެ ކޮމެޓީ މަރުހަލާގައި ގިނަ އިސްލާހުތަކެއް ވަނީ ހުށަހެޅި ވޯޓަށް އެހިފައެވެ. ނަމަވެސް އެއްވެސް އިސްލާހެއް ކޮމެޓީން ފާސްވެފައި ނުވެއެވެ.
