މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އުމްރާއަށް ދާ ފަރާތްތަކާއި މިހާރު މައްކާގައި ތިބި އުމްރާވެރިން ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅޭ ފަރާތްތަކުންނާއި، ދަތުރު ކުރުމަށް ތައްޔާރުވަމުންދާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި ހާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެ ވުޒާރާއިން ކަނޑައަޅާފައިވާ ހޮޓްލައިން ނަންބަރުތަކަށް ގުޅުމަށް ވަނީ އެދިފައެވެ. އެނަންބަރު ތަކަކީ، +966506894477 އަދި +966530838329އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ،އުމްރާވެރިންނަށް ބޭނުންވާ މައުލޫމާތު ދިނުމަށް އެ މިނިސްޓްރީގައި ހާއްސަ ހޮޓްލައިން ނަންބަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ، އުމްރާ ދަތުރުތަކާ ގުޅޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށާއި، ސައުދީ ސަރުކާރުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ނަސޭހަތްތެރިވެފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ވަޒީރުންގެ ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލައްވައިފައެވެ.