ގައުމުގެ ތަރައްގީއަށް ދުރު މުސްތަގުބަލެއްގައި ނޫނީ ހާސިލްނުވާނެ ކަންތައްތައް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރައީސްކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި ވެސް އެމަނިކުފާނު ހާސިލްކޮށްދެއްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ހެންވޭރު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މި ގައުމަށް ވަރަށް ގިނަ އިންގިލާބީ ބަދަލުތައް ރައީސް ގެނެސްދެއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ދުސްތޫރީ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި ސިނާއީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ގެންނަވާ ބޮޑެތި ބަދަލުތަކާއެކު، ދުވަހަކުވެސް މި ގައުމު ކުރިއަށް ނުދާނެފަދަ ހިސާބަކަށް އެމަނިކުފާނުގެ ޒައާމަތުގައި މި ގައުމުގެ ތަރައްގީ ކުރިއަށްގެންގޮސްދެއްވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ޕީއެންސީއަށް ކާމިޔާބުކުރުމުގެ އިތުރުން، ރާއްޖޭގައި މިހާރަކަށް އައިސް ތަޖުރިބާކުރަމުންދާ ”ކެމްޕެއިންގެ ބަލި“ ނައްތާލުމަށް އިންތިހާބުތައް މަދުކުރެވޭނެ ގޮތް ދެނެގަތުމުގެ މަސައްކަތް ވެސް ޕީއެންސީން ކުރަމުންދާ ކަމަށެވެ. މިއީ ރައީސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމާއި، ރައްޔިތުންނަށް ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއިން ލިބިދީފައިވާ ބާރު ފުރިހަމައަށް އެމަނިކުފާނު ’އެކްސަސައިޒް‘ ކުރަމުންދާކަން ވަރަށް ބޮޑަށް ހާމަވާ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކުރާނެ ސުވާލަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ކަމަށާއި، އެ ސުވާލަށް ޖަވާބު ދެއްވާނީ ރައްޔިތުން ކަމަށެވެ.
”އަޅުގަނޑުމެންގެ މި ޕާޓީގެ ސްޑޭންޓަކީ، ހަރަދުގެ ގޮތުން ބެލިޔަސް، މަސައްކަތަށް ބެލިޔަސް، ވަގުތަށް ބެލިޔަސް، ގައުމުގެ ތަރައްގީއަށް ބެލިޔަސް، މި ގައުމަށް އެންމެ ރަނގަޅު ގޮތަކީ މި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް ގަބޫލުކޮށްގެން މަސައްކަތް ކުރުން.. އެއްގޮތަކަށް ވެސް މިއުޅެނީ ދެ އިންތިހާބު އެއްކޮށްލާކަށް ނޫން.“ އާދަމް ޝަރީފް ވިދާޅުވިއެވެ.
ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމާ ގުޅޭގޮތުން ވާހަކަ ކުރިއަށްގެންދަވަމުން އާދަމް ޝަރީފް ވިދާޅުވީ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓުދޭން ޖެހެނީ ރާއްޖޭގައި މިހާރު އޮތް އެންމެ ހަރުދަނާ ޕާޓީއަކީ ޕީއެންސީއަށް ވާތީ ކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ ތަރައްގީއާއި ހަމަޖެހުމުގެ އިތުރުން، ހަމަހަމަކަމާއެކު މަސައްކަތް ކުރާ ޕާޓީއަކީ ޕީއެންސީއަށް ވާތީ ކަމަށެވެ.
މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާނެ ކެންޑިޑޭޓުންނަކީ ”ދޫނި“ ޓީމުގެ ކެންޑިޑޭޓުންނަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

