ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް އައްޑޫ ސިޓީގެ މާލެ އޭރިއާ ކެމްޕެއިން ޖަގަހަ ހުޅުވައިފިއެވެ.
މއ. މޫވީ ލައިޓްގައި މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި މި ޖަގަހަ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
މި ޖަލްސާގައި އެކަމަނާގެ އަރިހުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އައްޑޫ ސިޓީން ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް މި ޖަލްސާގައި ބައިވެރިވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ރާއްޖޭގެ ސިޓީތަކުގެ ޖަގަހަތައް މާލޭގައި ހުޅުވުމުގެ މަސައްކަތް ޕީއެންސީން އަންނަނީ ކުރަމުންނެވެ. އެގޮތުން ތިނަދޫ ސިޓީއާއި، ކުޅުދުއްފުށި ސީޓީގެ މާލެ ކެމްޕެއިން ޖަގަހަ މިހާތަނަށް ވަނީ ހުޅުވާފައެވެ. މިއީ މިފަދައ އިންތިހާބަކާއި ދިމާކޮށް ސިޓީތަކުގެ ކެމްޕެއިން ޖަގަހަ މާލޭގައި ވެސް ގާއިމްކުރާ ފުރަތަމަ ފަހަރެވެ.
ޕީއެންސީން އަންނަނީ ކުރިއަށް އޮތް އިންތިހާބަށް ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި ދޮރުން ދޮރަށް ހަރަކާތްތައް ވެސް ހިންގަމުންނެވެ. އެގޮތުން މި ހަރަކާތްތަކުގައި ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

