ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުން އެދޭގޮތްކަން ނަންބަރުންވެސް ފެންނަން އެބަ އޮތް ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުސެއިން ޒާހިރު ވިދާޅުވެއްޖެއެވެ.

ޒާހިރު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ހދ. އަތޮޅުގެ މާލެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނަ ދުވަހު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާއި ގުޅޭ ގޮތުން ޒާހިރު ވިދާޅުވީ ކޮންމެ ސަރުކާރެއް އަންނައިރުވެސް، ރައީސުލްޖުމްހޫރިއްޔާއެއް އައްޔަންވެގެންދާއިރު، އެމަނިކުފާނަށް ތާއީދުކޮށްދޭ ރައްޔިތުންގެ މަޖިލީހެއް އިންތިހާބުވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން އިންތިހާބުކުރަނީ ސަރުކާރަށް ތާއީދުކުރާ މެންބަރުންކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށް ޒާހިރު ވިދާޅުވިއެވެ.

”ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމަށްފަހު، ދެން އެ އަންނަ މަޖިލިސް، އަބަދުވެސް ރައްޔިތުން އިންތިހާބުކުރަނީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޕާޓީގެ މެންބަރުންކަން އެއީ ފެންނަން އޮތް ހަގީގަތެއް.“ ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ މި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުން އެދޭ ގޮތްކަން ޝައްކެތް ނެތް ގޮތުގައި ނަންބަރުންވެސް ފެންނަން އެބަ އޮތް ކަމަށެވެ. އެގޮތުން މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ވޯޓުދެއްވުމަށް ޒާހިރު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޒާހިރުގެ ވާހަކަ ކުރިއަށްގެންދަވަމުން ވަނީ، ރާއްޖޭގެ ތަރައްގީއާއި ރައްޔިތުންގެ ހަމަޖެހުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެކަމަށް ޝުކުރު ދަންނަވާފައެވެ. އަދި އެ މަސައްކަތްޕުޅުތައް ފަސޭހަކަމާއެކު ކުރިއަށްގެންދިއުމަށް އެމަނިކުފާނަށް އެއްބާރުލުން ދެއްވާނެ މެންބަރުންތަކެއް ކައުންސިލްތަކަށް ވެސް އިންތިހާބު ކުރެއްވުމަށް، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ޒާހިރު ވަނީ އެދިވަޑައިގެންފައެވެ.