ޕީއެންސީ ސަރުކާރަކީ ކުދި ކުދި ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ސަމާލުކަންދޭ ސަރުކާރެއް ކަމަށާއި، އެހެންކަމުން ކައުންސިލް އިންތިހާބަށް ވެސް ސަރުކާރުގެ ކެންޑިޑޭޓުން އިންތިހާބުކުރަން ޖެހޭކަމަށް ހދ. ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ހދ. އަތޮޅުގެ މާލެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރަޝީދު ވިދާޅުވީ އޭނާއަކީ މިހާރުވެސް ކައުންސިލްގެ ރައީސްކަން ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށާއި ދެ ވެރިކަމެއްގައި، ކައުންސިލްގެ ރައީސްކަން ތަޖުރިބާކުރެވިގެންދާ ކަމަށެވެ. އެގޮތުން ރަޝީދުގެ ތަޖުރިބާ ހިއްސާކުރައްވާ އޭނާ ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ ސަބަބު ބަޔާންކޮށްދެއްވާފައެވެ.
ރަޝީދު ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް، ސަރުކާރާއި ގުޅިގެން ނޫނީ މަސައްކަތް ކުރަން ފަސޭހަ ނުވާނެ ކަމަށެވެ. އެގޮތުން މިއަދުގެ ސަރުކާރާއި ގުޅިގެން މަޝްރޫއުތަކުގެ ސްޕީޑު އަވަސްކުރަން ބޭނުންނަމަ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދޭން ޖެހޭ ކަމަށް ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ މުޅި ރާއްޖޭގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ކަންތައްތައް ބެލުމާއި، އެ ކަންތައްތައް ރަށްރަށުގައި ކުރަން ތިބެނީ ކައުންސިލްތައް ކަމަށެވެ. އެގޮތުން އެ މަސައްކަތްތައް އަވަސްކުރަން ބޭނުންނަމަ ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިހާބުކުރަންޖެހޭ ކަމަށް ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ބޯހިޔާވަހިކަމަކީ މި ސަރުކާރުން ހާއްސަ ސަމާލުކަމެއްދޭ ސިޔާސަތަކަށްވާއިރު، އެ ސިޔާސަތު ތަންފީޒުކުރުމުގައި ކުދިކުދި ރަށްތައްވެސް އިސްތިސްނާ ނުކުރާ ކަމަށެވެ.
”އެބަ ހައުސިން ފްލެޓުތައް އަޅައިދެއްވާ ކުދިކުދި ރަށްރަށުގައި. އެހެންމަ އަޅުގަނޑުމެން މިކަހަލަ ކުދި ކުދި ރަށްރަށަށް ސަމާލުކަންދެއްވާ ސަރުކާރެއްގައި އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މި ސަރުކާރަށް ވޯޓުދީގެން، އަޅުގަނޑުމެން މި ދަންނަވާ ގޮތަށް ކެންޑިޑޭޓުން ނެގުން އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ މި އަމާޒާއި، ރައްޔިތުންގެ އަމާޒު ވާސިލްވުމަށްޓަކައި އެންމެ ބޮޑު އެއް ބާރުކަމަށް އަޅުގަނޑު ފާހަގަކޮށްލަން.“ ރަޝީދު ވިދާޅުވިއެވެ.
ރަޝީދުގެ ވާހަކައިގައި ވަނީ ސަރުކާރުން ރަށްރަށަށް ދޭ އަހައްމިއްޔަތުކަމުގެ ތެރެއިން ރަށްރަށަށް އަންނަމުންދާ ތަރައްގީގެ މަޝްރޫއުތައްވެސް ފާހަގަކުރައްވާފައެވެ.
”އަޅުގަނޑުމެންނަށް، އެހެންޏާ ދާން ޖެހޭނީ ރަށްރަށުން ދަތުރު ހަދައިގެން 200 ރުފިޔާ ނަގަންވެސް އޭޓީއެމްއަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އޭޓީއެމްތައް ވެސް އަޅުގަނޑުމެން ރަށުގައި ގާއިމްކުރެވިއްޖެ. ސިއްހީ މަރުކަޒުތައް އަޅުގަނޑުމެންނަށް އަޕްގްރޭޑް ކުރެވިއްޖެ. އަޅުގަނޑުމެންނަށް ސްކޫލްތަކުގައި އަޕްގްރޭޑް ލިބޭ. ރަށުގެ އެހެނިހެން ކަންތައްތަކުގައި އަޅުގަނޑުމެންނަށް މަސައްކަތްކުރުމުގެ ފުރުސަތު އެބަ ލިބޭ. ޕާކުތައް އެބަހެދޭ. ކަސްރަތުކުރާ ތަންތަން އެބަހެދޭ.“ ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވަނީ ހދ. އަތޮޅުގެ ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުންވެސް ސަރުކާރާއި ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރަޝީދު ވިދާޅުވީ ހދ. ގެ ރައްޔިތުންނަށްޓަކައި މާލޭގައި ޖަގަހައެއް ހުޅުވިގެންދިއުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަތުމަކީ ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ރަޝީދު ވިދާޅުވިއެވެ.

