ރީނދޫ ކުލައިން ލިބޭ ތަރައްގީއެއް ނެތް ކަމަށާއި، ރީނދޫ ލަޝްކަރުން ދަނީ ތަރައްގީ ފަނާކުރަމުން ކަމަށް ހދ. ވައިކަރަދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓު ހުދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ހދ. އަތޮޅުގެ މާލެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހުދާ ވިދާޅުވީ ކަމެއް ދިމާވާ ކޮންމެ ހާލަތެއްގައި ރީނދޫ ލަޝްކަރުން ނުކުންނަނީ އެކަމުގައި ހަމަނުޖެހުން އުފެއްދުމަށް ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ވެސް ފެންނަމުން ދަނީ މި މަންޒަރު ކަމަށެވެ. އަދި މިފަހަރަކީ ބަދަލުގެ ފަހަރުކަމަށް ހުދާ ވިދާޅުވިއެވެ.

ހުދާ ވިދާޅުވީ ސަރުކާރުން އެދޭ ކަންކަމުގައި، ފަސްޖެހުމެއް ނެތި މަސައްކަތް ކުރެވޭނީ އޭރުގައި އޮންނަ ސަރުކާރަކަށް ތާއީދުކޮށްގެން ކަމަށެވެ.

ހުދާ ވަނީ ސަރުކާރުން މުސާރަ ދިނުމާއި، ހިންގުމުގެ ބަޖެޓު ދިނުމުން ދެކޮޅުވާން ޖެހޭނީ ކޮން ކަމަކާތޯ ސުވާލު އުފައްދަވާފައެވެ. އަދި ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުމުގެ ބަދަލުގައި ސަރުކާރުގެ ފަށަލައެއްގެ އިތުރުން ދައުލަތުގެ މުއައްސަސާއެއް ކަމަށް ހުދާ ވިދާޅުވިއެވެ.

ހުދާ ވަނީ މިހާރު ކައުންސިލްތަކުގައި ތިބި މެންބަރުން ސަރުކާރާއި ގުޅިގެން ކުރަނީ ކޮން މަސައްކަތެއްކަމާމެދު ވެސް ސުވާލު އުފައްދަވާފައެވެ. އަދި ކައުންސިލް މެންބަރުންނަކީ ޕާޓީ ކުރިއަރުވަން ތިބެންޖެހޭ މެންބަރުންނެއް ނޫން ކަމަށާއި، ކައުންސިލަރުން ވާން ޖެހޭނީ ސަރުކާރާއި ގުޅިގެން ކަންކުރަން އިނގޭ ބަޔަކަށް ކަމަށް ހުދާ ވިދާޅުވިއެވެ.

މި ސަރުކާރުން ވައިކަރަދޫގެ ތަރައްގީއަށް ވަރަށް ގިނަ މަޝްރޫއުތަކެއް ކަނޑައަޅައި ބަޖެޓުވެސް ހަމަޖައްސާފައިވާ ކަމަށް ހުދާ ވިދާޅުވިއެވެ. ވައިކަރަދޫގެ ދަނޑުވެރިންނަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމެއްވެސް ލިބުނީ މި ސަރުކާރުގައިކަން ފާހަގަކޮށް ހުދާ ވަނީ ދަނޑުވެރިން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވީވެސް މި ސަރުކާރުންކަން ފާހަގަކުރައްވާފައެވެ. އަދި ވައިކަރަދޫގެ ގްރީންހައުސްތަކުގެ ފޮނިމީރުކަން ވެސް ރައްޔިތުންނަށް ލިބެމުންދާކަމަށް ހުދާ ވިދާޅުވިއެވެ.

މީގެ އިތުރުން ހުދާ ވިދާޅުވީ ވައިކަރަދޫގައި އުފައްދާ ތަކެތި ރާއްޖެއިން ބޭރަށް ވިއްކުމުގެ ފުރުސަތުވެސް މިހާރު ފަހިވެފައިވާ ކަމަށެވެ. އަދި އޭޓީއެމް އާއި އައިޑީ ކާޑާއި ޕޯސްޕޯޓުގެ ހިދުމަތްވެސް މި ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް ހުދާ ވިދާޅުވިއެވެ.

ހުދާ ވިދާޅުވީ ތަރައްގީ ގެނެވޭނީ ސަރުކާރާއި ގުޅިގެން ކަމަށާއި ހުރިހާ ބޭފުޅުންވެސް ދޫންޏަށް ވޯޓުދޭން ޖެހޭ ކަމަށެވެ.