ރަށްތަކަށް ތަރައްގީ ގެންނަން ބޭނުންވެ، އެކަމުގެ ނިޔަތް އޮތް ކޮންމެ ސަރުކާރަކަށް ވެސް ލޯކަލް ކައުންސިލް އިންތިހާބު މުހިންމު ވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިނގުރަައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީން މިރޭ ކުރިއަށް ގެންދާ ”ގްރޭޓަރ އައްޑޫ- މާލެ“ ޖަލްސާގައި ފަަލާހު ވިދާޅުވީ، ރައްޔިތުންނަށް ކަންކަން ކޮށްދޭން ބޭނުންވާ ކޮންމެ ސަރުކާރަކަށް ވެސް ކައުންސިލް އިންތިހާބު މުހިންމު ވާނެ ކަމަށެވެ.
”ރާއްޖޭގަ ލޯކަލް ކައުންސިލް އިންތިހާބެއް ކާމިޔާބު ކުރުމަށް، ޕާޓީއަކުން ދުވަހަކު ވެސް މަސައްކަތް ނުކުރާ މިންވަރަށް މި ޕާޓީން ދަނީ މަސައްކަތް ކުރަމުން.“ ފަލާހު ވިދާޅުވިއެވެ.
ޕީއެންސީން ކައުންސިލް އިންތިހާބަށް ކަނޑައަޅުއްވައިފައިވާ، އެ ޕާޓީގެ ޕީޖީ ލީޑަރުގެ މަގާމުވެސް ފުރުއްވަވާ ފަލާހު ވިދާޅުވީ، ރަށްތަކުގެ ކައުންސިލްތަކަކީ، އެ އިރެއްގައި އޮންނަ ސަރުކާރަކުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ދޭން ޖެހޭ ފަރާތް ކަމަށެވެ.
”އެހެންވީމަ، ހަގީގަތުގައި، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނިޔަތް އޮތް ކޮންމެ ވެރިޔަކު، ވަރަށް ބޮޑަށް މަސައްކަތް ކުރައްވަވާނެ ކައުންސިލްތައް، ކައުންސިލް އިންތިހާބު ކާމިޔާބު ކުުރުމަށް.“ އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުން ނުވާ ވެރިޔަކަށް، ކައުންސިލްތައް ލިބުނަސް ނުލިބުނަސް ހެޔޮވާނެކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، އޭރުން ކައުންސިލްތައް ނުލިބޭ ކަމަށް ވިދާޅުވެ، މާބޮޑު ކަމެއް ރައްޔިތުންނަށް ކޮށްދެވެން ނެތް ކަަމަށް ވެސް ވިދާޅުވެ، ބަހަނާ ދެއްކޭނެ ކަމަށެވެ.
ފަލާހު ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް އަންނަ މަހު ބާއްވާ އިންތިހާބު މުހިންމު ވަނީ، އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް، ވައުދު ވެލެއްވި ގޮތަށް ފުއްދެވުމުގެ ބޭނުމުގައި ކަމަށާއި، އެމަނިކުފާނަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެއްވެވި ވެރިއެއް ކަމަށެވެ.

