އައްޑޫ ސިޓީގެ ކުރިމަގަށްޓަކައި، ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެ ސިޓީގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިކަމަށް އިލްތިމާސް ކުރެއްވީ، ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ”ގްރޭޓަރ އަައްޑޫ ސިޓީ- މާލެ“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ، އަންނަ މަހު ބާއްވާ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވަން ޖެހޭ ސަބަބު ވެސް ވިދާޅުވެދެއްވައިފައެވެ.

”ސަބަބަކީ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި، އަޅުގަނޑު ވެފައިވާ ވައުދުތައް ފުުއްދުމަށްޓަކައި، ކައުންސިލްގެ ދައުރު އެންމެ ފުރިހަމަ މިނުގައި ލިބިގެންދާނީ، އެގޮތުން ކަމުގައިވާތީ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ބަޖެޓުގެ ތެރެއިން، އައްޑޫ ސިޓީއަށް ތަަރައްގީ ގެނައުމަށް ގިނަ އެއްބަަސްވުންތަކެއްގައި ސޮއި ކުރެވިފައިވާއިރު، ކައުންސިލްގެ ތެރެއިން، މިކަންކަމަށް ހުއްޓުން އަންނާނެ މެދުވެރިވުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަަކަފުޅުގައި، އިތުރަށް ވިދާޅުވީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި އައްޑޫގެ ރައްޔިތުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.