ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އައްޑޫގައި އިންވެސްޓު ކުރުމަށް ފަހި ފުރުސަތުތަކެއް ތަނަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށާއި، މިއީ އެ ސިޓީއަށް ވިޔަފާރި ކުރިއެރުވުމުގެ ރަން ޒަމާނެއް ގެނުވާނެ ކަމެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން، ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ ދާއިރާ ތަކަށް ވާދަ ކުރައްވާ ފަރާތްތަކުގެ މާލޭގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އައްޑޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އުފާވެރި ޚަބަރެއް ދެއްވައިފައެވެ.

ވިޔަފާރީގެ ދާއިރާއިން ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު، މިދިޔަ މަހު އިއްވެވި ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައިވާނެކަން ފާހަގަކުރައްވައި، އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ހަބަކަށް އައްޑޫ ހެދުންކަމުގައި ރައީސް ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ރަންޒަމާނެއް އައްޑޫ ސިޓީއަށް ގެނައުމަށްޓަކައި، މި އަހަރު އެކަމާ ގުޅޭ ގާނޫނީ އަދި އިދާރީ މަސައްކަތްތައް ނިންމައި، 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ތިން އަހަރު ދުވަހަށް ބިމު ކުއްޔާއި، ޓެކްސް ހިލޭކޮށް، ފަހި ފުރުސަތުތަކެއް ހުޅުވައިލާނެ ކަމަށް ވެސް އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.

”އެހެންވީމަ، މިކަމަށް ބޭނުންވާ ގާނޫނީ، އަދި އިދާރީ ކަންކަން މި އަހަރުގެ ތެރޭގައި ކުރިއަށްދާނެ. ގާނޫނުގަ އޮންނާނެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތަފްސީލު، އެހެންވީމަ، ހުރިހާ ފަރާތްތައް ތައްޔާރުވާންވީ، އައްޑޫ ސިޓީގައި އިންވެސްޓް ކުރަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަކި މުއްދަތަކަށް ބިމު ކުލި ފަދަ ކަންކަން އުނިކުރަން ސަރުކާރުން މަސައްކަތް ކުރާއިރު، މިކަންކަމަށް އެންމެ ބޮޑަށް ހުރަސް އެޅޭނީ އަައްޑޫ ސިޓީ ކައުންސިލަށް ކަމަށެވެ. އަދި އެއީ ސަރުކާރާ ދެކޮޅު ވިސްނުމުގެ ކައުންސިލަކުން ކުރާނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ބިންތަކަކީ ކައުންސިލްގެ ދަށުގައި އޮންނަ ތަންތަން. ހަމަ ކޮށްލާ ކުޑަ ކަމަކުން ސަރުކާރުން ބޭނުންވާ ގޮތަށް ބިންތައް ނުދީ ހިފެހެއްޓޭނެ ކައުންސިލަށް.“ ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި، އައްޑޫ ސިޓީގައި މިހާރު ވެސް 48 މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވައި، އަނެއްބައި މަޝްރޫއުތައް ވަަރަށް އަވަހަށް ފެށިގެންދާނެ ކަަމަށް ވެސް ވިދާޅުވިއެވެ.

މި އަހަރުގެ ބަޖެޓުގައި ވެސް އައްޑޫ ސިޓީއަށް އިތުރު 18 މަޝްރޫއުއެއް ހިމެނިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހުރިހާ މަގެއް ތަރައްގީ ކުރުމުގެ މަޝްރޫއު އަކީ ރައީސްގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ) އިން ވަރަށް އަވަހަށް އެ މަސައްކަތް ފެށުމަށް މިހާރުވެސް ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން އިކުއިޕްމަންޓާއި، މަސައްކަތު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، އައްޑޫ ސިޓީގެ ސިއްހީ ދާއިރާ ކުރިއެރުވުމުގެ ގޮތުން ވެސް، ވަރަށް ގިނަ ކަންކަން ރޭވިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.