ރައްޔިތުންގެ މަޖިލީހުގައި ނާހާ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސިއްރުން މޮރިޝަސް ސަރުކާރަށް ސިޓީ ފޮނުވުމަކީ ގާނޫނާއި ހިލާފު އެންމެ މަތީ ކުށެއް ކަމަށް ގަބޫލުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ވަރަށް ހޭލުންތެރި ބައެއްކަމަށާއި، ސިޔާސީ ގޮތުން ބަޔަކު ދައްކާ ވާހަކައަކީ ތެދެއްކަމަށް ގަބޫލު ކުރުމުގެ ބަދަލުގައި އަމިއްލައަށް ކަންކަމާއި ވިސްނަންޖެހޭ ކަމަށެވެ.

އެހެން ގޮތްތައް ދައްކާ ފަރާތްތަކުގެ ހަގީގަތް އޮޅޭހާ ދުވަހެއް އަދި ނުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފާއިތުވި ސަރުކާރުން ވަނީ އައްޑޫ ސިޓީއާއި މާދުރުނޫން ހިސާބުން ކަނޑުގެ ބޮޑު ބައެއް ދޫކޮށްލާފައިކަމަށާއި، އަދި އެކަން ކުރި ފަރާތުން ރައްޔިތުންގެ ތާއީދު ހޯދުމަށް އެދެމުންދާކަމަށެވެ.

”ގައުމީ ވިސްނުމެއްނެތް، ގައުމުދެކެ ލޯބިނުވާ އަމިއްލަ އެޖެންޑާގައި ކަންކަން ކުރާބައެއް“ ކަމަށް ރައީސް ވިދާޅުވިއެވެ.

ކަނޑުގެ އެ ބައި ދޫކޮށްލުމާއި ބެހޭ ގޮތުން ރައީސް އިތުރަށް ވިދާޅުވީ އެކަން ކޮށްފައި އޮތް ގޮތް ވެސް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
އަދި އެއީ މޮރިޝަސް ސަރުކާރުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައެއް ކަމަށާއި، އާބިޓްރޭޝަން ތެރޭގައި ރާއްޖެއާ ދެކޮޅަށް އެމައްސަލަ ނިމުނުނަމަ އެކަމާއި ޗެލެންޖް ކުރަން ފަސޭހަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިދިޔަ ސަރުކާރުން އިސްވެ އިޓްލޮސްއަށް މައްސަލަ ހުށަހަޅަން ނިންމީ މޮރިޝަސް ސަރުކާރުން އެދިގެންވެސް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.

އެކަމަށްޓަކައި ވަކީލުން އައްޔަނުކޮށް އެވަކީލުންނަށް ރައްޔިތުންގެ ފައިސާއިން 37 މިލިއަން ހަރަދު ކުރިއިރު މައްސަލަ ނިމިގެން ގޮސްފައިވަނީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”މިހާރު މި ނިމިފަ އޮތް ގޮތުން ސަރުކާރުން ކުރަންޖެހޭ މަސައްކަތުގެ މިއޮތް ޗެލެންޖް މާ ބޮޑު. އެކަން އެގޮތަށް ނުކޮށް އާބިޓްރޭޝަން ތެރެއިން ގޮސް ނިމެން ދޫކޮށްލިނަމަ، އެ ނިމޭގޮތަކަށް ރާއްޖެއަށް ގެއްލުންވާނެ ގޮތަކަށް ނިމުނު ނަމަވެސް ޗެލެންޖް ކޮށްގެން ކާމިޔާބު ކުރުމަށް އޮތް ފުރުސަތަށްވުރެ މިހާރު އޮތް ފުރުސަތު ނޫނިއްޔާ ޗެލެންޖް ބޮޑު“ ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އިސްނަގައިގެން ރާއްޖެއަށް ގެއްލުންވާނެ ރޫޓެއް އިހްތިޔާރު ކުރީ ކީއްވެގެންތޯ އެބޭފުޅުން ދިރާސާކޮށްގެންވެސް  ނޭނގުނު ކަމަށް ބައިނަލްއަގްވާމީ މާހިރުން ވިދާޅުވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަދި އެކަން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ނާހާ ރައީސް ސޮއިކޮށް ސިއްރުސިއްރުން މޮރިޝަސް ސަރުކާރަށް ސިޓީއެއް ފޮނުވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ ކަނޑައެޅިގެން ގާނޫނާއި ހިލާފު އެންމެ މަތީ ކުށެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި ގައުމަށް ގައްދާރުވާ ފަދަ ކުށެއް ކުރީވެސް ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އެ ސިޓީ އަނބުރާ ގެންނަން ސަރުކާރުން ނިންމާ، ރިޔާސީ ބަޔާން އިއްވި ދުވަހު މޮރިޝަސް ސަރުކާރަށް ސިޓީއެއް ފޮނުވާ ރާއްޖެއިން ފޮނުވި އެ ސިޓީ ގެނެސްފައިވާކަމަށެވެ. އަދި ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅައިގެން  ކަނޑުގެ ސަރަހައްދު ހޯދުމަށް ސަރުކާރާއި އެކު މަސައްކަތް ކުރާ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުން މަސައްކަތް ކުރަމުން އަންނަ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.