އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް ހިންގާ ”ގޯތިގެދޮރު“ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުފެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މާލެ ސަރަހައްދުންނާއި ރަސްމާލެއިން ބަންޑާރަ ގޯތި ދޫކުރާނެއެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ދަށުން ދެ ކެޓަގަރީއަކުން ރަސްމާލެއިން ގޯތި ދޫކުރާނެއެވެ. އެގޮތުން ދޫކުރާ ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 1,250 އަކަފޫޓެވެ. ކެޓަގަރީ 1 ގައި ހިމެނެނީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ މަދުވެގެން އެއް އަހަރުވެފައިވާ ފަރާތްތަކެވެ. އޭގެ ތެރޭގައި އުފަންވީއްސުރެ މާލޭގެ ރަށްވެހިންގެ ގޮތުގައި ތިބި މީހުންނާއި، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ވެސް ހިމެނެއެވެ.
ކެޓަގަރީ 2 ގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ތެރެއިން، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.
މި މުއްދަތު ގުނާނީ އުސޫލަށް އަމަލުކުރަން ފަށާ ދުވަހާ ހަމައަށް މެދުނުކެނޑި މާލޭގައި އުޅެފައިވާ މުއްދަތަށް ބަލައިގެންނެވެ.
ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރު ކޮށްފައިވާއިރު، މިހާރު އެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ.

