ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ޝާމިލުވުމާއި، ބައިވެރިވުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅިގެން މިނިސްޓަރު ނެރުއްވި ބަޔާނެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ޝާމިލުވުމާއި، ބައިވެރިވުން އިތުރު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ދައުރު ފުޅާކޮށް، އެ ކޮމެޓީތަކުގެ މަސައްކަތަށް ފަހިކަން ގެނައުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ނިޒާމީ ކަންކަމާއި، އިދާރީ ކަންކަމާއި، އަދި ތިޖާރީ ކަންކަން މިހާރު ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

”އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަގާމަކީ ފުލްޓައިމް މަޤާމެއްގެ ގޮތުގައި ހަމަޖެއްސުން ފާހަގަކޮށްލެވޭ. އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާތަކުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މަސައްކަތް ކުރާނެ ޖާގަ ތަނަވަސް ކުރެވިފައިވާކަން ފާހަގަ ކުރަން. މިފަދަ ބަދަލުތަކާއެކު ދިވެހި އަންހެނުންގެ ކުރިމަގު އުޖާލާވަމުންދާކަން އުފަލާއެކު ފާހަގަ ކުރަން.“ މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިޓީތަކާއި އަތޮޅުތަކާއި ރަށްތައް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިއަރައި، އިޖުތިމާއީ އަދާލަތު ގާއިމު ކުރުމަށް ޓަކައި ރައްޔިތުންނާ އެކުގައި މަސައްކަތް ކުރުމަކީ ގާނޫނުއަސާސީން ވެސް ބާރުއަޅާ ކަމެއް ކަމަށެވެ. އެ މަގުން ކަންކަން ތަރުތީބު ކުރުމަށް އެންމެ ބޮޑަށް މަގުފަހިކޮށް ދެނީ ލާމަރުކަޒީ ނިޒާމު ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.