މި އަހަރުގެ ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5،482،171.00 (ފަސް މިލިއަން ހަތަރު ލައްކަ އަށްޑިހަ ދެހާސް އެއް ސަތޭކަ ހަތްދިހަ އެއް) ރުފިޔާ ލިބިއްޖެއެވެ.
މިދިޔަ 1446 ވަނަ އަހަރުގެ މި މުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 4،460،199 (ހަތަރު މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހާސް އެއް ސަތޭކަ ނުވަދިހަ ނުވަ) ރުފިޔާއެވެ.
އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުތަކުންނާއި، ކައުންސިލްތައް މެދުވެރިކޮށް އަދި އޮންލައިންކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މި ފަހަރު އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:
- ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ
- އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
- މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
- ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
- ފަހިޕޭ މޯބައިލް އެޕް
- އަވަސް މޯބައިލް އެޕް
- ބަނޑޭރި ޕޭ ވެބްސައިޓް
މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ.
އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނީ
- 10 މާރިޗުން 19 މާރިޗަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00އިން 14:00އަށް
އިސްލާމިކް މިނިސްޓްރީން ބުނީ، ފިތުރު ޒަކާތް ދެއްކުމަކީ ވާޖިބެއް ކަމަށާއި، އެހެންކަމުން ހުރިހާ ބޭފުޅުންވެސް ފިތުރު ޒަކާތް ދެއްކުމަށް މިނިސްޓްރީން ހަނދުމަކޮށްދޭ ކަމުގައެވެ.

