އިރާނަށް އެމެރިކާއާއި އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ވަރުގަދަ ކުރާނެކަމަށް ބުނެ، އިރާނުގެ ރައްޔިތުން ގޭގައި ތިބުމަށް އެމެރިކާގެ އަސްކަރިއްޔާއިން އަންގައިފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ، މިގޮތަށް އެންގީ އަސްކަރީ ގޮތުން ބޭނުންކުރާ ސަރަހައްދުތައް އާއްމުންނަށް ރައްކާތެރި ނުވާނެތީ ކަމުގައެވެ.
އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގައި އިރާނުގެ ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިއްޔެ ވަނީ އިރާނުގެ ތެޔޮ ރައްކާ ކުރާ މަރުކަޒަށް އަމާޒުކޮށް ފުރަތަމަ ފަހަރަށް ހަމަލާ ދޭން ފަށައިފައެވެ. މި ހަމަލާތަކާ ގުޅިގެން އިރާނުގެ ވައިގެ ސަރަހައްދު ވަނީ ކަޅު ދުމުން ތަޣައްޔަރުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށިގެން ދިޔަ ހަނގުރާމަ ހޫނުވަމުންދާއިރު، އިރާނުގެ އިންގިލާބީ ލަޝްކަރުގެ ތަރުޖަމާނު އަލީ މުހައްމަދު ނާއިނީ ބުނީ، މިހާރު ހިނގަމުންދާ ހަނގުރާމަ މަދުވެގެން ހަ މަސް ދުވަހު ކުރިއަށް ގެންދިޔުމަކީ އިރާނުގެ އަސްކަރިއްޔާއަށް ކުރެވިދާނެ ކަމެއް ކަމަށާއި، އެކަމުގެ ގާބިލުކަން އެބަހުރި ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ވަނީ ތެލުުގެ އަގު ވަރަށް ބޮޑަށް އުފުލިފައެވެ.
މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި، ހަނގުރާމަ ދިގުލައިގެން ދާނަމަ، ހަމަލާތައް އިތުރަށް ވަރުގަދަވެ، ސަރަހައްދީ ގޮތުން ވެސް ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިގެން ދިޔުމުގެ ފުރުސަތު ބޮޑެވެ.

