އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަސައްކަތް ކުރަމުން ދަނީ ވަރަށް ހިޔަޅު ވިސްނުމެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްސައްތާރު ވިދާޅުވީ މޫސާގެފާނުގެ ގައުމުގެ ވާހަކަ ކީރިތި ގުރުއާނުގައި އޮންނަވާ ކަމަށާއި، އެ ގައުމުގެ މީހުންނަކީ ވަރަށް ޖަދަލުކޮށް، ވަރަށް ގިނަ ސުވާލު އުފައްދާ ބައެއް ކަމަށެވެ. އަދި މި ޒަމާނުގައި އެ މަންޒަރު ފެންނަނީ ސަރުކާރާ ވާދަވެރި އެމްޑީޕީގެ ފަރާތުން ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ.
އަބްދުއްސައްތާރު ވިދާޅުވީ ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކިތަންމެ މުހިންމު އަދި މުނާސަބު ވަގުތެއްގައި މުހިންމު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަމަވެސް، އަދި މުހިންމު ސިޔާސަތެއް ހާމަކުރެއްވި ނަމަވެސް އެޔަށް ދެކޮޅު ހަދައި ސުވާލު އުފެއްދުމުގެ ކަންކަން ކުރުމަކީ އެމްޑީޕީގެ ތަބިއްޔަތް ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ.
”އަޅުގަނޑަށް ހަމަ ޔަގީން، ރައީސް އެ ކުރައްވާ މަސައްކަތުގައި، މާދަމާ އެމަނިކުފާނު އިއުލާނުކުރައްވައި ބައްލަވާ ތިމަންމަނިކުފާނުގެ ސިޔާސަތެކޭ ކުރިއަށް އޮތް 15 ވަރަކަށް އަހަރު ދުވަސްތަކުގެ ތެރޭގައި، ނުވަތަ ތިމަންމަނިކުފާނުގެ އުއްމީދެކޭ ދިވެހި ހުރިހާ ރައްޔިތުން ހައްޖަށް ގެންދެވޭނެ ގޮތެއް ހެދުން. އަޅުގަނޑަށް ހީވާ ގޮތުގައި އެފަދަ ސިޔާސަތެއް ހާމަކުރެއްވިޔަސް އެޔަށްވެސް އެމްޑީޕީ މެންބަރުން ހަދާނީ ދެކޮޅު“ އަބްދުއްސައްތާރު ވިދާޅުވިއެވެ.
އަބްދުއްސައްތާރު ވިދާޅުވީ މިކަމުން ވެސް އަންގައިދެނީ އެމްޑީޕީއަކީ އެއްވެސް ހަރުދަނާ އަސާސެއް އަދި ސިޔާސަތެއް ނެތި ގައުމުގެ ވެރިކަމާ ހަވާލުވިބައެއް ކަމަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެސް ތިން އަހަރު ހަމަނުވަނީސް ވެއްޓިގެންދާން ޖެހުނީ އެ ސަބަބާހުރެ ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ.
އަބްދުއްސައްތާރުގެ ވާހަކަ ކުރިއަށްގެންދަވަމުން ވިދާޅުވީ މާލެ ސިޓީގައި ވެސް ހައްލު ކުރަން ޖެހޭ ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށާއި، އެ މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސް އަށް އެއްބާރުލުން ދޭނެ ކައުންސިލަރުންތަކެއް ބޭނުންވާ ކަމަށެވެ. އެގޮތުން މިހާރުވެސް ކައުންސިލްތަކުގައި ތިބި ބައެއް އެމްޑީޕީ މެންބަރުން ސަރުކާރަށް ޖެއްސުން ކުރަމުން އަންނަ ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ.
އަބްދުއްސައްތާރު ވިދާޅުވީ ކައުންސިލަރުންގެ ޒިންމާއަކީ ލާމަރުކަޒީ ގާނޫނުގައި ބުނާ ރަށްވެހިކަމުގެ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުން ކަމަށެވެ. އެގޮތުން މި ކަންތައް ހުރެވޭނީ ޕީއެންސީގެ ބަދަހި ޓީމުތަކަށް ކައުންސިލްތައް ލިބިގެން ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ.
އަބްދުއްސައްތާރު ވިދާޅުވީ މިދިޔަ ތަނުގައި ކައުންސިލް އިންތިހާބެއް ޕާޓީއަކުން ކާމިޔާބު ކުރުމަށް މިހާ މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް ރަށްރަށުގައި މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ފަސޭހަވާނެ ގޮތް ހެއްދެވުމަށް ސަރުކާރު ކެންޑިޑޭޓުން ކައުންސިލްތަކަށް ބޭނުންވާއިރު، އެ މަސައްކަތް ކާމިޔާބު ކުރުމަށް ޕީއެންސީން މަސައްކަތް ކުރަމުން އަންނަ ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ.
އަބްދުއްސައްތާރު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްވެސް މީގެ ކުރިން އެމްޑީޕީން ތާއީދުކުރި ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީވެސް ރައްޔިތުން އެމްޑީޕީއަށް ދިން ނަމަވެސް އެގޮތަށް ގާނޫނު އަސާސީ އިސްލާހު ނުކޮށް ވަނީ އެ ޕާޓީއަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ހެޔޮ ނިޔަތެއް އޮތް ބަޔަކަށް ނުވާތީ ކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ.

