ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ”ދޮރުންދޮރަށް“ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު މާފަންނު އުތުރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.
މި ހަރަކާތުގެ ތެރެއިން ރައީސް މިއަދު މާފަންނު އުތުރު ދާއިރާއަށް ވަޑައިގެންވާއިރު މީގެ ކުރިންވަނީ ހެންވޭރު އުތުރު ،މައްޗަށްގޮޅި މެދު ،މައްޗަށްގޮޅީ ދެކޮނު، ހެންވޭރު ހުޅަނގު، ހެންވޭރު ދެކުނު ގަލޮޅު އުތުރުގެ އިތުރުން މާފަންނު މެދާއި، މާފަންނު ދެކުނު ދާއިރާއަށްގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

ޔުނިވާރސަލް އޮފީސް ކުރިމަތިން ފެށި މި ހަރަކާތުގައި ރައީސްގެ އަރިހުގައި މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މާލޭ ޕީއެންސީން މާލޭ ސިޓީގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ އެކި ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޕީއެންސީން އަންނަނީ ކުރިއަށް އޮތް އިންތިހާބަށް އެޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާލޭ ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ކެންޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އެ ރަށްތަކުގެ ޕީއެންސީގެ މެންބަރުންގެ އިތުރުން ޕާޓީގެ އިސްސަފުގައި ހިމެނޭ ފަރާތްތަކުން ބައިވެރިވެއެވެ.
އަދި އެފަރާތްތަކުން އަންނަނީ ޕާޓީގެ ޓިކެޓްގައި އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކެންޑިޑޭޓުންނާއި އެކު މަސައްކަތްކުރަމުންނެވެ.

