ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު، އެ އިންތިހާބު ޕީއެންސީން ބޮޑުތަނުން ކާމިޔާބުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ހުޅުމާލެ މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރިފާއު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަހަށް ގާތްގަނޑަކަށް 20 ދުވަސް ބާކީ އޮތް އިރު، އެ އިންތިހާބު ފެންނަނީ ކާމިޔާބުވާގޮތަށް ކަމަށެވެ.

ރިފާއު ވިދާޅުވީ މި އިންތިހާބަށް ޕީއެންސީގެ ޓީމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުން އަންނަ އިރު، އެޕްރީލް ހަތަރުވަނަ ދުވަހު އޮންނަ އިންތިހާބު ޕީއެންސީން ކާމިޔާބު ކުރާނީ ވަރަށް ބޮޑު އަޣްލަބިއްޔަތުންކަމަށް ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުން ތައާރަފްކުރާއިރު އެންމެ އިސްކޮށް ތައާރަފްކުރަންޖެހެނީ މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓު، މޫސާ އަލީލް ޖަލީލް ކަމަށާއި، އެބޭފުޅާ އަބަދުވެސް ފާހަގަކުރެވެނީ ”ހީރޯ“ އެއް ގޮތުގައި ކަމަށް ރިފާއު ވިދާޅުވިއެވެ.

އެގޮތުން މާލޭގެ މޭޔަރުކަމަށް އެބޭފުޅާ ޝައުގުވެރިވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ އެކި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ރައްޔިތުންގެ ފަރާތުން އައި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް ގޭގައި ނޯވެ ނުކުންނަން ޖެހޭކަމަށް އެބޭފުޅާ ވިދާޅުވިކަމަށް ރިފާއު ވިދާޅުވިއެވެ.

ޖަލީލް އަކީ ގައުމީ ޒިންމާއެއް ވަރަށް ދިގު މުއްދަތެއްގައި އަދާކުރައްވާ، ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމަށް ފަހުވެސް ގައުމު ދެކެ ވާ ލޯބި ބޮޑުވެގެން ރައްޔިތުންނަށް އިހުލާސްތެރި ގައުމީ ހިދުމަތެއް ކޮށްދެއްވުމަށް ނުކުމެވަޑައިގެންކަން ފާހަގަކުރައްވާ ރިފާއު ވިދާޅުވީ މިކަމުން ދޭހަވަނީ ޖަލީލް އަކީ ގައުމީ ބޭފުޅެއް ކަމަށާއި، ގައުމަށްޓަކައި ލޭ އޮހޮރުވާލުމަށް ޒުވާން އުމުރުގައި ވެސް ނުކުމެވަޑައިގެން މޭ އައްޑަނައަކަށް ދިއްކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެފަދަ ބޭފުޅަކު މަސައްކަތް ކުރައްވާނީ ގައުމާއި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކީ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ރިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އަކީ އަންހެން ކަނބަލުން ހަގީގީ މާނާގައި ބާރުވެރިކުރުވާ ބޭފުޅެއްކަން ފާހަގަކުރައްވާ ރިފާއު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ގާނޫނަށް ގެނެވުނު އިސްލާހުގެ ތެރެއިން އަންހެނުން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ކޮމިޓީގެ ރައީސާއަކީ ދާއިރާގެ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ އަންހެން ކަނބަލަކަށް ވެގެން ދިއުން ކަމަށް ރިފާއު ވިދާޅުވިއެވެ. އެގޮތުން އެ ކަނބަލުން އިންތިހާބުކުރުމުގެ އުފާ މިހާރު ފިރިހެނުންނަށްވެސް ލިބިފައިވާކަމަށް ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުންވެސް ތިބީ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށާއި، ހުރިހާ ފަރާތްތަކުންވެސް ”ދޫންޏަށް“ ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.