އިންތިހާބެއް ބޯމަތިވެފައި ނެތް ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ކުރައްވާނީ ރައްޔިތުންނާ ގާތުން ކަމަށާއި، ރައްޔިތުންނަށް ދޭން ޖެހޭ އެއްޗެއް އެމަނިކުފާނު ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ހުޅުމާލެ މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރިފާއު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން އެޕްރީލް ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓަށް އަލިއަޅުއްވާލައްވާފައެވެ.

ރިފާއު ވިދާޅުވީ ޕީއެންސީއަށް ނިސްބަތްވާ 75 މެންބަރުން، ރައްޔިތުންނާއި މި ގައުމުގެ ކުރިމަގަށްޓަކައި ދޫކޮށްލަނީ ވަރަށް ބޮޑު ބާރުތަކެއް ކަމަށާއި، ރައްޔިތުން އެ މެންބަރުން ހޮވާފައިވާ ދައުރުން ހަ މަސް ދުވަސް ދޫކޮށްލަނީ ގައުމުގެ މަސްލަހަތު އިސްކުރެއްވުމަށް ކަމަށެވެ. ނަމަވެސް މިގޮތަށް ހަދައިފިނަމަ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށާއި، ރައްޔިތުންނަށް ލިބޭ އެއްޗެއް ނުލިބޭނެ ކަމަށް ބުނެ މަޖިލީހުގައި ތިބި 12 މެންބަރަކު ގޮވަމުންދާކަމަށް ރިފާއު ވިދާޅުވިއެވެ.

”ރައްޔިތުންނަށް ދޭ އެއްޗެއް، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ، އިންތިހާބެއް އޮތަސް ނެތަސް އެކަން ކުރައްވާނެ. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މިދިޔަ ދެ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް، ކޮންމެ ރައްޔިތެއްގެ އަރިހަށް ދިޔައީ އިންތިހާބެއް އޮވެގެންތޯ، މި ސުވާލު ތިބޭފުޅުން އެބަ ހިތާހިތާ ކުރަންޖެހޭ.“ ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ އަރިހަށް ގޮސް ހާލު ބެއްލެވީ އަދުގެ ރައީސް އެކަނި ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ރިފާއު ވިދާޅުވީ މަސައްކަތްތަކުގައި ރައީސް އުޅުއްވާއިރު ފެނިވަޑައިގަންނަނީ ރޮބޮޓެއް އުޅުއްވާހެން ކަމަށާއި ވަރުބަލިކަމެއް ނެތި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރުމުގައި އެމަނިކުފާނު ސާބިވެވަޑައިގެން ހުންނަވާ ކަމަށެވެ.

ރިފާއުގެ ވާހަކައިގައި އިތުރަށް އިތުރަށް ވިދާޅުވީ ވެރިކަމާއި ރައީސް ހަވާލުލެވަޑައިގެންނެވި އިރު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެމަނިކުފާނު އަޒުލުކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

އަދި ދެން އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު އަލުން އިންތިހާބުވެވަޑައި ނުގެންނެވި ނަމަ، އެފަދައިން މަސައްކަތް ކުރުމަށް ޕީއެންސީގެ މެޖޯރިޓީއަށްވެސް ފުރުސަތު އޮންނާނެ ކަމަށެވެ.

ނަމަވެސް އެފަދަ މަސައްކަތެއް ކޮށް، ރައްޔިތުންނަށް ހަމަނުޖެހުމެއް ގެނުވާނެ އެއްވެސް ކަމެއް ކުރުމަށް ރައީސް ބޭނުންފުޅު ނުވާނެކަމަށް ރިފާއު ވިދާޅުވިއެވެ.

އަދި އެހެން ވެރިންނާއި އެމަނިކުފާނުގެ ތަފާތަކީ މިއީ ކަމަށާއި، މުޅި ޕީއެންސީގެ ވެސް އެންމެ މުހިންމު ސިޔާސަތަކި ރައްޔިތުންގެ ހަމަޖެހުން ކަމަށް ރިފާއު ވިދާޅުވިއެވެ.