ގާނޫނަކުން ލޯކަލް ކައުންސިލް އުފެދުނީއްސުރެ، އެއް ދުވަހެއްގައި ދެ އިންތިހާބު އޮންނަކަން އިދިކޮޅު ފަރާތްތަކަށް އެނގިވަޑައިނުގަންނަވާ ކަމާމެދު ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ސުވާލު އުފައްދަވައިފިއެވެ.
ކޮންގްރެސް ޕާޓީގެ ހުޅުމާލެ މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަކީ ވެސް ދެ އިންތިހާބެއް ކަމަށާއި، އެ ދެ އިންތިހާބުގައި ވޯޓުލުމަށް ރައްޔިތުންނަށް ލިބޭނީ ވެސް ދެ ވޯޓު ކަރުދާސްކޮޅުކަމަށެވެ. އެހެންކަމުން، އެއް ދުވަހެއްގައި ދެ އިންތިހާބެއް ބާއްވައިގެން ރާއްޖޭގައި މިހާތަނަށް މައްސަލައެއް ޖެހިފައި ނުވާކަން އެމްޑީޕީއަށް އެނގެންޖެހޭ ކަމަށް ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން އެއް ދުވަހެއްގައި ކުރިއަށްގެންދިއުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިހުލާސްތެރިކަމާމެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުންނާ ހަމައަށް ނުގޮސްވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ވޯޓެއް ނަގައިގެން މިކަން ނިންމެވެން އޮންނެވި ކަމަށް ހަލީލް ވިދާޅުވިއެވެ. ނަމަވެސް ތެދުވެރިކަމާއި ރައްޔިތުންނަށް އޮންނަ އިހުލާސްތެރިކަމުގެ ސަބަބުން، މިކަމުގައި ވެސް ރައްޔިތުންގެ ހިޔާލު ހޯދަން ސަރުކާރާއި މަޖިލީހުން އިސްކަންދޭކަން ހަލީލް ފާހަގަކުރެއްވިއެވެ.
ހަލީލް ވިދާޅުވީ އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވިނަމަވެސް އެ އިންތިހާބުތަކުގައި ވޯޓުލާނީ ހަމައެކަނި ދިވެހި ރައްޔިތުން ކަމަށާއި މިކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ދެ އިންތިހާބު އެއްކޮށް ގަޑުބަޑުކޮށްލަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްޔިތުން ބިރު ނުގަތުމަށް ހަލީލް ވަނީ އެދިވަޑައިގެންފައެވެ.
”ދިވެހި ރައްޔިތުންނޭ މި އިންތިހާބުގައި ވޯޓު ލާނީ. ކޮންމެ އިންތިހާބެއްވެސް މި ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން ބާއްވާކަމުގައި ވަންޏާ އެ އިންތިހާބަކަށް ވޯޓުލާނީ ދިވެހި ރައްޔިތުން. އެހެން ބައެއް ނޫން ވޯޓުލާނީ.“ ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ މިފަދަ ކަންކަމާ ގުޅޭގޮތުން ރައްޔިތުން ގާތަށް ދާން ބިރުގަންނަ ފަރާތްތަކަކީ ސިޔާސީ ކަންކަމަށް ކުފޫ ހަމަނުވާ ފަރާތްތަކުން ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ސިޔާސީ ހަރަކާތްތަކުން އެއްކައިރިވެވަޑައިގަތުމަށް ހަލީލް ވަނީ އެދިވަޑައިގެންފައެވެ.
ހަލީލް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންނަކީ އެންމެ މުހިންމު އަސާސްކަމަށް ދެކެވަދަޑައިގެން ކަމަށެވެ.

