އަންނަ އޭޕްރީލް 4 ވަނަ ދުވަހުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނަގާ ”ފެންނަ ނުފެންނަ“ ވޯޓްގެ އިންތިހާބަށް ވޯޓްލާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަން ކޮމިޝަނުން އާންމުކޮށްފިއެވެ.

އެލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓް އަދި އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓްލާ މީހުން ވޯޓްލާ ތަން ބަދަލުވެފައިވާނަމަ ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހު ދިހަވަނަ ދުވަހުގައެވެ.

މީގެ އިތުރުން ދެ އިންތިހާބު އެއްކޮއްލާ ވޯޓަށް ރީ- ރަޖިސްޓާ ކުރަން މިދިޔަ މަހުގެ 18 ގައި ހުޅުވާލިއިރު އެ މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގައެވެ.

އިލެކްޝަނުން އާއްމު ކުރި ލިސްޓްގައި ވާގޮތުން ވޯޓްލާ މީހުންގެ ތެރެއިން ވޯޓްލުމުގެ ހައްގު ލިބިފައިވަނީ 294876 މީހުންނަށެވެ.

އޭގެތެރެއިން އަންހެނުންގެ އަދަދަކީ 144506 އަންހެނުންނެވެ. ފިރިހެނުންގެ އަދަދަކީ 150370އެވެ.

އީސީންވަނީ ވޯޓްލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓް އާއްމުކޮށްފައިވަނީ ވޯޓްލާ ދާއިރާ އެނގޭގޮތަށެވެ. އަދި ވޯޓްލާ ތަން ބަލަން ބޭނުންވާ އިލެކްޝަންގެ ޕޯޓަލް އިން އަދި އެސްއެމްއެސް މެދުވެރިކޮށްވެސް ބަލާލެވޭނެއެވެ.