ލޯކަލް ކައުންސިލް އިންތިހާބުގައި، އެމަނިކުފާނު ތާއީދު ކުރައްވަނީ، ހަމައެކަނި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާ ފަރާތްތަކަށް އެކަނި ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން މިއަދު ވަނީ ހުޅުމާލެ ދެކުނުގައި ”ދޮރުން ދޮރަށް“ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައީސް ވިދާޅުވީ، ހުޅުމާލެ ދެކުނު ދާއިރާގައި އެމަނިކުފާނު ތާއީދު ކުރައްވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް ކަމަށް އަޑު ފަތުރަމުންދާއިރު، އެއީ ”ކަނޑައެޅިގެން ދޮގު“ ކަމަށެވެ.
”އަޅުގަނޑުގެ ތާއީދު އޮންނާނީ، ޕީއެންސީގެ ކެންޑިޑޭޓަށް އެކަނި. މިނިވަންކޮށް ހުރި ބޭފުޅަކަށް ވިޔަސް، އެމްޑީޕީގައި ހުރި ބޭފުޅަކަށް ވިޔަސް، އެހެން އެއްވެސް ޕާޓީއެއްގެ ބޭފުޅަކަށް ވިޔަސް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ.“ ކޮންގްރެސް ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި، ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނަކީ ޕާޓީ ނިޒާމު ގަބޫލު ކުރައްވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު އެދިވަޑައިގަންނަވަނީ، ޕީއެންސީއަށް ކުރިއެރުންތައް ލިބިގެން ދިޔުމަށް ކަމަށެވެ. އަދި އެމަނިކުފާނު ވޯޓު ދެއްވަން ބޭނުންފުޅުވެލައްވަނީ ”ދޫންޏަށް“ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

