ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުން ކައިރީގައި އަހަން ތައްޔާރުވެފައިވާއިރު، ހިޔާލު ހޯދުމުގެ މި ވޯޓު ނެގުމާ އިދިކޮޅު އެމްޑީޕީން ނިކަން ދެކޮޅެވެ. މިކަމުގައި ސަރުކާރުގެ ފޮރުވިފައިވާ ”އެޖެންޑާ“އެއް އޮތީ ކަމަށް އެ ޕާޓީން ތުހުމަތު ކުރެއެވެ.

ނަމަވެސް ކުރީ ސަރުކާރުގައި އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅުވެލެއްވީ، ދެ އިންތިހާބެއް ވެސް ނޫން، ތިން އިންތިހާބު ވެސް އެކުގައި ބާއްވާށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާކަމަށް ސޯލިހު ވަނީ 2020 ވަނަ އަހަރުގައި ވިދާޅުވެފައެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ  14 ވަނަ ދުވަހު، އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގައި ހދ. ނޮޅިވަރަމްއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ސޯލިހް ވިދާޅުވީ އޭރުގެ ސަރުކާރުން ބައެއް ކަންތައްތައް ކުރިއަށް ގެންދިއުމަށް ލަސްވެފައި ހުރެދާނެ ކަމަށާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އިންތިހާބުތައް ވަކިވަކިން އޮތުން ކަމަށެވެ.

އަދި އެ ތިން އިންތިހާބު އެއް ދުވަހެއްގައި, އެއްވަގުތެއްގައި ބޭއްވުމުގެ މަސައްކަތްކޮށް، ހުރިހާ އިންތިހާބެއް އެކީގައި ބޭއްވިއްޖެނަމަ ގައުމުގެ ތަރައްގީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.

ނަމަވެސް މިއަދު ވެރިކަން ގެއްލި، އެހެން ބޭފުޅަކު ގައުމު ތަރައްގީ ކުރުމަށް އެންމެ ބޮޑު ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ތާއީދު ކުރެއްވުމުން، ސޯލިހަށް ކަމަކު ނުދިޔައެވެ.

ސޯލިހުގެ ރާގު ބަދަލުވެ، މިހާރު ވިދާޅުވަމުން ގެންދަވަނީ، ބޮޑު ދެ އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓަކީ ސިއްރިއްޔާތުގައި ކުރާ ބަޣާވާތެއް ކަމަށެވެ. ކުރިން ގައުމުގެ ތަރައްގީއަށް މުހިންމުވި ކަމެއް މިއަދު ކުއްލިއަކަށް ބަޣާވާތަކަށް ވީ ސަބަބު ވެސް ސޯލިހު ރައްޔިތުންނަށް ވިދާޅުވެދެެއްވަން ޖެހެއެވެ.

ދެ އިންތިހާބު އެއްކޮށްލުން ”ބަޣާވާތެއް“ ފަދަ ބިރުވެރި ކަމެެއް ގޮތަށް ސިފަވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދެވި، އެމްޑީޕީން އަލުން ވެރިކަމަށް އައުމަށް ދެކޭ ހުވަފެން ބިލާހަކަށް ވެގެން ހިނގައިދާނެކަން ޔަގީން ކުރެވޭތީ ނޫންބާއެވެ؟