ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންގެ ދުޅަހެޔޮކަމަށް ހިންގާ ސިއްހީ އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް ވެސް ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދޭ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގެންނެވި ހުޅުމާލެ ދެކުނު ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އިސްނަގައިގެން ޑޮކްޓަރުންގެ ޓީމުތަކުން އަތޮޅުތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުގައި މިދިޔަ ދެ އަހަރު އައުޓްރީޗް ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމްތައް ހިންގުމުގައި ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭއިރު، ސިއްހީ މާހިރުންނަށް އިންތިޒާމްތައް ހަމަޖެއްސުމުގައި ވަރަށް ބޮޑު ފަސޭހައެއް ވެގެންދާއިރު، މި ޕްރޮގްރާމްގެ މަގުސަދު ވަރަށް ބޮޑަށް ހާސިލްވާ ކަމަށް ހަލީމް ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނާ ހަމައަށް މި ޕްރޮގްރާމްގެ މައުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުމުގައި ކައުންސިލުން ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށް ހަލީމް ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރާއި ދެކޮޅު މެޖޯރިޓީ އޮންނަ ކައުންސިލްތަކުގެ ފަރާތުން މިފަދަ ޕްރޮގްރާމްތަކަށް އެއްބާރުލުން ނުލިބޭ ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި އެއްބާރުލުން ނުލިބޭއިރު މި ޕްރޮގްރާމުތައް ހިންގުމާ ގުޅޭ ގޮތުން އެއްވެސް ކަހަލަ މަޝްވަރާއެއްވެސް ކުރިއަށް ނުގެންދެވޭ ކަމަށް ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ މިފަދަ ތަޖުރިބާތައް ކުރައްވާފައިވާއިރު، ރަށްރަށާއި އަތޮޅުތަކާއި އަދި ސިޓީތަކުގައިވެސް ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑު އިރު، ރައްޔިތުންނަށް ފައިދާހުރި މިފަދަ ކަންތައްތައް ކުރިއަށްގެންދިއުމުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލްތައް މުހިންމު ކަމަށް ހަލީމް ވިދާޅުވިއެވެ.
”ކައުންސިލްތަކަކީ ސަރުކާރުން ކުރާ މަސައްކަތްތަކުގައި އަދި ސަރުކާރުން ހިންގާ ޕްރޮޖެކްޓްސް ތަކާއި މަޝްރޫއުތަކާއި ޕްރޮގްރާމްސްތަކުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދީގެން، ސީދާ އޭގެ ބެނެފިޓް ރައްޔިތުންނަށް ލިބޭ ކަހަލަ ކަންތައްތައް އިނގޭތޯ.“ ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މާލެ ސަރަހައްދުގައި ހަތަރު ހޮސްޕިޓަލަކާއި މޯލްޑިވިއަން ބްލަޑް ސާވިސް ހިންގަމުންދާއިރު، މިދިޔަ އަހަރުގެ ތެރޭގައި ކައުންސިލާއި ”އިންޓަރެކްޓް“ ވެފައި ނުވާކަމަށް ހަލީމް ވިދާޅުވިއެވެ. އެގޮތުން ޕްރައިމަރީ ހެލްތުކެއާއަށް ވެސް ކައުންސިލްތަކުގެ ދައުރު އޮތްކަން ލާމަރުކަޒީ ގާނޫނުގައި ވެސް ބަޔާންކޮށްފައިވާއިރު، މާލެ ސިޓީގެ ސިއްހީ ދާއިރާ ރަނގަޅުކުރުމަށްޓަކައި ކައުންސިލުން ކޮށްފައިވަނީ ކޮން މަސައްކަތެއް ކަމާމެދު ހަލީމް ވަނީ ސުވާލު އުފައްދަވާފައެވެ.
ހަލީމް ވިދާޅުވީ މާލެ ސަރަހައްދުގައި ޕްރައިމަރީ ހެލްތުކެއާ އާބަން ސެންޓަރުތައް ވެސް މިއަދު ގާއިމްވެގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓިގެ މޭޔަރުކަމުގައި ހުންނެވި އިރު އެމަނިކުފާނުގެ ތަސައްވުރުގެ ސަބަބުން ކަމަށެވެ. ޖީޕީ ކްލިނިކެއް މާލެ ސަރަހައްދުގައި ހުޅުވައި، އިތުރު ކްލިނިކްތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ކައުންސިލްތަކުން މިކަންކަމަށް ވެސް އެއްބާރުލުންދޭން ޖެހޭނެ ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.
ހަލީމް ވިދާޅުވީ މިފަދަ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ވެސް ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މޫސާ އަލީ ޖަލީލް ހޮވަން ރައްޔިތުން ވޯޓުދޭން ޖެހޭ ކަމަށެވެ.

