ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސް، އެ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވަނީ  މި ބަދަލާއެކު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީއަށް މިހާރު ހުށަހެޅޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތަކަށް ކަމަށެވެ.

އަދި މާލޭގައި ދިރިއުޅޭތާ މަދުވެގެން 1 އަހަރު ދުވަސް އަދި މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވާންޖެހޭނެ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ޝަރުތު މިހާރު ނުކުޅެދުންތެރިކަމުގެ ކެޓަގަރީއިން ފުލެޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ނުހިނގާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

އަދި މީގެ އިތުރުން މިހާރު ގެނެސްފައިވާ ބަދަލުން މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތްއިރު، ނުކުޅެދުންތެރިކަމަށް ހޯދަންޖެހޭ ފަރުވާގެ ސަބަބުން މާލެ ބަދަލުވެފައިވާނަމަ ނުވަތަ ރަށުން އެފަރުވާ ލިބެން ނުހުންނާތީ މާލެ އަންނަންޖެހޭ ފަރާތްތަކަށްވެސް ފުލެޓަށް އެދި ހުށަހެޅޭނެއެވެ.

މި ބަދަލާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ވަކިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެގައިވެއެވެ.

މި ކެޓަގަރީން ބޯހިޔާވަހި ކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 24 ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާއިރު https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.