ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހާދިސާތަކުގެ އަސަރު ބައިނަލްއަގުވާމީ އެކި ގޮތް ގޮތުން ގައުމުތަކަށް ކުރާއިރު، އެހެން ގައުމުތަކަށް ވުރެ އަވަހަށް އެފަދަ ކަންކަމުން އަރައިގަނެވުމަކީ ރާއްޖެއަށް ލިބޭ ނަސީބެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކާއ ގުޅޭ ގޮތުން ރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.

ސައީދު ވިދާޅުވީ ރާއްޖެއަށް މިހެން އަންނަ ކޮންމެ ޝޮކެއްގައިވެސް، އެހެން ގައުމުތަކަށް ވުރެ އަވަހަށް ދަތިތަކުން އަރައިގަނެވުން ކަމަށެވެ.

”ވަކި ކަމެއް ނޫން، މިސާލަކަށް ސުނާމީއަށް ބެލިޔަސް، އަދި 2001 ގެ 911 ހާދިސާއަށް ބެލިޔަސް، އޭގެ ފަހުން ބާލީގެ ބޮން ގޮއްވާލުމުގެ ހާދިސާއަށް ބެލިޔަސް، އެޗް-1-އެން-1 ގެ ހާދިސާއަށް ބެލިޔަސް، ސާސްއަށް ބެލިޔަސް، އަދި ދާދި ފަހުން މިދިޔަ ކޯވިޑްގެ ހާލަތަށް ބެލިޔަސް، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށްވެސް އޭގެ ޝޮކް އެބްސޯބް ކުރަންޖެހޭ، އެ ހާލަތު އާދޭ.“ ސައީދު ވިދާޅުވިއެވެ.

ނަމަވެސް ވަރަށް އަވަހަށް އެކަމުން އަރައިގަނެވުމަކީ މި އިސްލާމީ ދިވެހި އުންމަތަށް ލިބިފައިވާ ވަރަށް ބޮޑު ނަސީބެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ގައުމު ދަރަނިވެރި ނުވެ އަދި ރައްޔިތުން ބަނޑަށް ނުޖެހި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އޮންނަނީ ދުނިޔޭގެ އެކި ގައުމުތަކާއެކު މި ސަރުކާރުން ގާއިމްކުރަމުންދާ ގުޅުމާއި، ކުރިއާލާއި ރާވައިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ކަމަށް ސައީދު ވިދާޅުވިއެވެ.

މިކަން ރައީސް ޑރ. މުހައްމަދު ވެސް ކަށަވަރުކޮށްދެއްވާ ކަމަށާއި، ރައްޔިތުންނަށް ހަމަޖެހުން ލިބެނީ އެ ޔަގީންކަން އޮންނާތީ ކަމަށް ސައީދު ވިދާޅުވިއެވެ.

”އަޅުގަނޑަށް ފެންނަނީ ގައުމުގެ ރިޒާވް ބޮޑުވާތަން، އަޅުގަނޑަށް ފެންނަނީ ގައުމު ބޯހިޔާވަހިކަމަށް ސަލާން ޖަހަން ޖެހުން އިރާދަކުރެއްވިއްޔާ ނިމެމުން އަންނަތަން. މި ދޫނި ހަމަ ޗާލުވެފައި ދުވާލެއްވެސް ބާރޭ. އެއީ ޕީއެންސީގެ ދޫންޏަކީ.“ ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ 18 ގަޑިއިރުވެސް ސަރުކާރުން އެބަ މަސައްކަތް ކުރާ ކަމަށާއި، ގެންޖޮހުންތަކުގެ ހައްލު ހޯދުމަށް ރައްޔިތުންގެ ހައްގުގައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެކަމަށް ވިސްނައިގެން، ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށާއި، އޭގެ ނަތީޖާއަކަށް ވާނީ ރައްޔިތުންގެ ކުރިއެރުން ކަމަށް ސައީދު ވިދާޅުވިއެވެ.