ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ކަންކަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅުކުރައްވާ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޕީއެންސީއަށް އޮތް ތާއީދު ދައްކާލުމަށްޓަކައި އެ ޕާޓީން ކުރިއަށްގެންދިޔަ ސައިކަލު ބުރު ހަރަކާތް ނިންމުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިއީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީން ކުރާ ކެމްޕެއިން އިތުރަށް ފޯރިގަދަކުރުމަށާއި، ރައްޔިތުންނަށް ޕީއެންސީގެ ކެމްޕެއިނުގެ މެސެޖު ދިނުމަށް ކުރިއަށްގެންދިޔަ އެކުވެރިކަމުގެ ހަރަކާތެއް ކަމަށެވެ.
ރައީސް ވިދާޅުވީ މި އިންތިހާބުގައި ސަރުކާރަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުފުޅުކުރައްވާ، އެ ނިޒާމުގެ ތެރެއިން ކަންކަން ކުރަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ވެސް ޕީއެންސީގެ ފަރާތުން ކުރިމަތިލާފައި ތިބީ، ރައްޔިތުންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކައުންސިލަރުން ކަމަށެވެ. އެގޮތުން އެބޭފުޅުން ކައުންސިލްތަކަށް އިންތިހާބުކޮށްދެއްވުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައާއި ސިޓީތަކުގެ ކުރަން ހުރި މަސައްކަތްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުރިއަށްގެންދެވިއްޖެ ނަމަ އޭގެ ހެވާއި ލާބަ ރައްޔިތުންނަށް ފުރިހަމައަށް ލިބޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން ކައުންސިލްތަކުގައި ތިބުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިއަދާ ހަމައަށްވެސް ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވާ ކަމަށާއި، މި ސަރުކާރަށް ވާރުތަވި އިގްތިސާދީ ގޮންޖެހުންތަކުގެ ތެރެއިންވެސް ވަރަށް ގިނަ ކާމިޔާބީތައް ހާސިލްކުރެވިފައިވާ ކަމަށެވެ.
”މިކަންކަން މިހާރު ގޮސްފައިވާ ހިސާބުން ދެން ކުރިއަށް އޮތް ދުވަސްތަކަށް، ފުރިހަމަކޮށް ނިންމާލުމަށްޓަކައި ކައުންސިލް ނިޒާމުގެ ތެރެއިން ބޭނުންވާ ސަޕޯޓު އަޅުގަނޑުމެން ބޭނުންވަނީ.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނެގުމަށް ހަމަޖެހިފައިވާ ވޯޓުގައި ވެސް ރައްޔިތުން އާނއެކޭ ބުނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ގައުމުގެ ހަމަޖެހުން ކުރިއަށްގެންދިއުމަށާއި، ސިޔާސީ ހަލަބޮލިކަން އެކީއެކައްޗަކަށް ނައްތާލުމަށާއި ރައްޔިތުންނަށް ބޭނުންވާ ކުރިއެރުމާއި ހެވާއި ލާބަ ހޯދައިދިނުމުގައާއި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށްގެންދިއުމުގައި މި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ނުފޫޒުން އެއްކިބާވެގެން ގިނަ ރައްޔިތުން ނުކުމެ ވޯޓުލެވޭނެ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގައި މިއަދު ކުރިއަށްގެންދިޔަ ސައިކަލު ބުރުގައި ރައީސްގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އާއި ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަދި ޕީއެންސީއަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެ، އިންތިހާބަށް ޕީއެންސީގެ ޓީމު އޮތީ ވަރަށް ވަރުގަދަކޮށް ކަން ހާމަކޮށްދީފައެވެ.

