ޖުޑީޝަލް ސާވިސް އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ބުނެ އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވެރިކަމަށް ވެސް އައި ކަމަށާއި ނަމަވެސް އެކަންވެސް ކޮށްފައި ނުވާކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތްތަކުގެ ތެރެއިން ހުޅުމާލެ އުތުރުގައި މިއަދު ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ އެ އިސްލާހު ގެނައުމަށް ޕީއެންސީގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް ދެ ފަހަރަށް ހުށަހެޅިނަމަވެސް، އެމްޑީޕީން އެ ޕާޓީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެ ބިލު ބޭރުކުރީ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ޕީއެންސީން ރައްޔިތުންނާމެދު ހެޔޮ ނިޔަތެއް އޮވެގެން އެކަން ކުރަން އުޅުނީމަވެސް އެންމެ ފަހުން އެމްޑީޕީން ހެދީ ދެކޮޅު ކަމަށެވެ.
ރައްޔިތުން އެދިވަޑައިގަންނަނަވާ ގޮތަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ވާހަކަ ބަންޑާރަނައިބު އަހުމަދު އުޝާމްވެސް މިއަދު އިއުލާނުކުރައްވާފައިވާއިރު، ޝުޖާއު ވިދާޅުވީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ މަޖިލީހުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ. އަދި އެކަން ކުރަނީ ރައްޔިތުންނަށްޓަކައި ކަމަށާއި، އެއީ އެމްޑީޕީ ރުއްސަން ކުރާ ކަމެއް ނޫން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެންޑޭޓް ތަންފީޒްކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ގައުމު އިސްލާހުކުރުމަކީ މެންބަރުންގެ މައްޗަށް މިއަދު ލާޒިމް ކަމެއް ކަމަށެވެ.
”އަޅުގަނޑުމެން ކޮށްގެން ތިބި ހުވާގައި އަޅުގަނޑުމެން ބޭނުންވަނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީ މި ގައުމުގެ ސުލްހަމަސަލަސްކަމާއި އަމާންކަން ނަގަހައްޓާ ދަމަހައްޓާއި، ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން އަޅުގަނޑުމެން މިތިބީ ހުވާކޮށްގެން. އެހެންވީމާ އެއީ އެމްޑީޕީ ރުއްސަން، އެބޭފުޅުން ބޭނުންވާ ދުވަހެއްގައި އާނ ތިމައްނަމެން ތައްޔާރޭ މިވެނި ދުވަހެއްގައި ގެންނަން، އެހެން އޮންނަ ކަމެއް ނޫން މީކީ.“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެމްޑީޕީއަކީ ގައުމަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން ކަމަށާއި ސަރުކާރަށް މިވީހާތަނަށް ދައުލަތުގެ އެއްވެސް ބަޖެޓަކަށް ވެސް ވޯޓެއް ދީފައި ނެތް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އެދިގެން ގެނަ އެއްވެސް އިސްލާހަކަށްވެސް އެމްޑީޕީން ވޯޓެއް ދީފައި ނުވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ އިސްތިސާދީ ސަރަހައްދަށް ގެންނަން ޖެހޭ ހެޔޮ ބަދަލަކަށް ވެސް އެ ޕާޓީން ވޯޓު ދީފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ ގާނޫނު ހަދާ މަޖިލިސް ހިނގަމުންދާ ގޮތް އިދިކޮޅު ފަރާތްތަކަށް އެނގިވަޑައިނުގަންނަވާ ކަމަށާއި، ގާނޫނެއް ހުށަހެޅުމާއި ގާނޫނު އިސްލާހުކުރަން ވަކި ހާއްސަ ވަގުތުތަކެއް ކަނޑައަޅާފައި އޮންނަ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާކަމަށެވެ.
ޝުޖާއު ވިދާޅުވީ އެއިރެއްގައި ގައުމަށް ލާބައާއި މަންފާ އޮތް ކަމެއްގައި ގާނޫނަށް ބަދަލެއް ގެނައުމަކީ އެކަމުގައި އެއްވެސް ހުރަހެއް އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މިކަންކަމާ ދެކޮޅަށް ވާހަކަދައްކަމުން އަންނަކަން ފާހަގަކުރައްވާ ޝުޖާއު ވަނީ ގާނޫނު އަސާސީ އިސްލާހުކުރަން ނުވަތަ އާ ގާނޫނެއް އުފަންކުރަންޖެހޭނީ ވަކި ވަގުތެއްގެ ތެރޭގައި ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަމާއި ދެކޮޅު ހަދާ ސަބަބު އިދިކޮޅު ފަރާތްތަކުން ކިޔައިދިނުމަށް ޝުޖާއު އެދިވަޑައިގެން ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލުގެނެވޭނެ ސަބަބުތައް އޭރުން ވިދާޅުވެދެއްވާނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި ކޮންމެ ފަސް އަހަރަކުން އެތައް ބައިވަރު މެންބަރުންނެއް ރައްޔިތުންގެ މަޖިލީހަށް އިތުރުވަމުންދާ ދިޔުން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށްވެސް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އެގޮތުން މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުންތަކުގައި ވެސް ރައްޔިތުންގެ ފަރާތުން ލިބިފައިވާ ޝަކުވާއެއްކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

