ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އިބްރާހިމް އަބޫބަކުރުގެ ކެމްޕެއިން ކުރިއަށްނުގެންދަން ނިންމައި، ޕީއެންސީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އަރީޝް އަށް ތާއީދުކުރައްވަން ނިންމެވިކަން އިއުލާނުކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިބްރާހިމް އަށް ތައުރީފް ކުރައްވައިފިއެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޕީއެންސީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތްތަކުގެ ތެރެއިން މާފަންނު ހުޅަނގުގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތް ފެއްޓުމުގެ ކުރިން ރައީސް ވަނީ މީޑިއާއާއި މުހާތަބުކުރައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި އެވަގުތު އިބްރާހިމް ވެސް ހުންނެވިއެވެ.

ރައީސް ވިދާޅުވީ އިބްރާހިމް އަކީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އިރުވެސް އެމަނިކުފާނާއެކު ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އިބްރާހިމްގެ ކެންޑިޑެސީ ރަސްމީކޮށް ނުނެގުނު ނަމަވެސް، އިންތިހާބުގައި ރަސްމީކޮށް ކުރިއަށް ނުދިއުމަށް ނިންމައި، އަރީޝް އަށް ތާއީދުކުރަން ނިންމެވުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ އެ ދާއިރާއަށް ކުރިމަތިލެއްވީ ފޯމު ހުށަހެޅުމުގައި މުއާމަލާތުކުރުމުގައި ކުށެއް ކުރެވިގެން ކަމަށާއި، އެހެން ނޫން ނަމަ ޕީއެންސީއަށް ގެއްލުމެއް ލިބޭނެ އެއްވެސް ގޮތަކަށް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި އެކަން އޮތީ ރައީސަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ އެހެން ޕާޓީއަކަށް މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ލިބެންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އަދި އިބްރާހިމް އަށް ތާއީދުކުރައްވާ އެންމެހާ ފަރާތްތަކުން ވެސް އަރީޝް އަށް ތާއީދުކުރެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.