ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުއްވައިދެއްވައިފިއެވެ.

މި ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ޕީޖީ ގްރޫޕްގެ ލީޑަރު އަދި މި އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްއާއި، މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މައްޗަންގޮޅި އުތުރަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް މި ޖަލްސާގައި ބައިވެރިވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ރާއްޖޭގެ ސިޓީތަކާއި އަތޮޅުތަކުގެ ޖަގަހަތައް ވެސް ޕީއެންސީން އަންނަނީ މާލޭގައި ހުޅުވަމުންނެވެ.

ޕީއެންސީން އަންނަނީ ކުރިއަށް އޮތް އިންތިހާބަށް ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި ދޮރުން ދޮރަށް ހަރަކާތްތައް ވެސް ހިންގަމުންނެވެ.

އެގޮތުން މި ހަރަކާތްތަކުގައި ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.