އައްޑޫ ހިތަދޫގައި އިއްޔެ ބާރު ސްޕީޑްގައި ދުއްވި ކާރެއް ފުރޮޅާލި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާ އަށް މާލެ ގެންގޮސްފިއެވެ.
އިއްޔެ ހަވީރު 5:00 އެހާކަށްހާ އިރު ހިތަދޫ އަބޫހެރެ ހިއްކި ސަރަހައްދުގައި ހިނގި ހާދިސާގައި ފަސް މީހަކަށް އަނިޔާވެފައިވާއިރު، ހާދިސާގައި އެންމެ ބޮޑަށް އަނިޔާވީ ދުއްވަން އިން އުމުރުން 41 އަހަރުގެ މީހާއަށެވެ.
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި މާލެ ގެންގޮސް އޭނަ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޗީއެމްއެޗްގައެވެ. އެ ހޮސްޕިޓަލުން ބުނީ އޭނަ އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.
ކާރު ފުރޮޅާލި ހާދިސާއާ ގުޅިގެން އޭގައި ތިބި އެންމެންނަށް އަނިޔާވެ އައްޑޫ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ފަރުވާ އަށް ފަހު ދޫކޮށްލައިފައެވެ. އަދި އެކަކަށް އޭއީއެޗްގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ.
ބާރު ސްޕީޑްގައި ދުއްވަނިކޮށް ފުރޮޅާލި ކާރަކީ ހިތަދޫ ވިޝަން ޓެކްސީގެ ކާރެކެވެ.

