ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ”ދޮރުންދޮރަށް“ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު މާލޭގެ ހެންވޭރު ދެކުނުގައި އުޅޭ ބައެއް ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ހަރަކާތުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މާލޭ ޕީއެންސީން މާލޭ ސިޓީގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ އެކި ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކެމްޕެއިން ހަރަކާތުގެ ގެ ތެރެއިން ރައީސް މިއަދު ހެންވޭރު ދެކުނަށް ވަޑައިގެންފައިވާއިރު، މިސަރުކާރުން ވިލިމާލޭގެ ތަރައްގީއަށް ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުރިއަށް އޮތް އިންތިހާބަށް އެޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާލެ ހިމެނޭ ދާއިރާތައް ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ޕީއެންސީން ކެންޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

މި ކެމްޕެއިން ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މި ކެމްޕެއިން ހަރަކާތްތަކުގައި ޕީއެންސީގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓްދޭންވީ ސަބަބުތައް ހާމަކުރެއެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރު ވަމުން އަންނައިރު، ޕީއެންސީއަށް ވަނީ އިންތިހާބަކާ ނުލައި، މިހާތަނަށް ފަސްދޮޅަސް ނުވަ ގޮނޑި ކަށަވަރުވެފައެވެ.